މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 217 ދޯނި ކަންނެލި ކިރުވި އެވެ. އަދި ކަޅު ބިލަ މަސް ކިރުވި އޮޑިފަހަރުގެ އަދަދު 367 އަށް އަރަ އެވެ.

މިދިޔަ މެއި މަހު ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަންނެއްޔާއި ކަޅުބިލަ މަސް ހިމަނައިގެން 1،791 ޓަނުގެ މަސް ކިރުވިއިރު މަސްވެރިންނަށް 31 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަސްމީ ހިސާބުތަކަށް ބަލާއިރު ނިމުނު މޭ މަހު އެކުންފުނިން ވަނީ ޖުމްލަ 1,791.0 ޓަނުގެ މަސް ކިރުވާފައިވެ އެވެ. އަދި މި މަހަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 31,081,853.00 ރުފިޔާ (31 މިލިއަނަށްވުރެ ގިނަ ރުފިޔާ) މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ. މި މުއްދަތުގައި ޖުމްލަ 693 ދޯންޏަކުން މިފްކޯ އަށް މަސް ކިރުވާފައިވެ އެވެ.
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 1,708.9 ޓަނުގެ ކަޅުބިލަ މަސް ވަނީ އެ ކުންފުންޏަށް ކިރުވާފަ އެވެ. މި މަހަށް 29 މިލިއަން ދޫކޮށްފައިވާއިރު، ޖުމްލަ 367 ދޯނި މަސް ކިރުވާފައިވެ އެވެ.
މި މުއްދަތުގައި 10 ކިލޯއިން ދަށުގެ 6.9 ޓަނުގެ ކަންނެލި ވަނީ ކިރުވާފަ އެވެ. އަދި މި ކަންނެއްޔަށް 138,000 ރުފިޔާ ދޫކޮށްފައިވާއިރު، ކަންނެލި ކިރުވި އޮޑިފަހަރުގެ އަދަދު ހުރީ 109 ގަ އެވެ.
މިފްކޯއަށް ކަޅުބިލަ މަސް ކިރުވަނީ ކިލޯއެއް 17ރ. އަށެވެ. އަދި 15-10 ކިލޯގެ ބޮޑު ކަންނެލި ކިލޯއެއް 20ރ. އަށް ކިރުވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވަނީ ކިލޯއެއް 25ރ. ގެ މަގުންނެވެ.