މީހުންގެ ކާޑުގެ މައުލޫމާތު ވަގަށް ނެގުމަށް ފޮނުވާ ފިޝިން ލިންކެއް އެ މެސެޖުގައި ހިމަނާފައިވޭ

ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖަންސީ، ބުކިން.ކޮމްގެ ނަމުގައި ރާއްޖޭގައި ސްކޭމެއް ހިންގަން ފަށާފައިވާތީ ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ އޮޅުވާލައިގެން ފައިސާ އަތުލަން ބުކިން.ކޮމްގެ ނަމުގައި އާ ސްކޭމް މެސެޖުތަކެއް ފޮނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ މެސެޖުގައި މީހުންގެ ކާޑުގެ މައުލޫމާތު ވަގަށް ނެގުމަށް ފޮނުވާ ފިޝިން ލިންކެއް ހިމަނާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެފަދަ އެއްވެސް ލިންކަކަށް ނުފިތަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ސްކޭމާ ގުޅޭ 23 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައިވާ އާންމުންގެ އަތުން ޖުމްލަ 126،489ރ. ގެއްލިފައިވާ ކަމަށެވެ.
ސްކޭމް ކުރާ ފަރާތްތަކުން އަތުލި ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ 52،346ރ. ކަމަށް ފުލުހުން ބުންޏެވެ.