އެންޑްރޮއިޑް ވާޝަން ވެސް ވަރަށް އަވަހަށް ލޯންޗު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ޓެކްސީ ލައިން، މާލެ ޓެކްސީގެ މޯބައިލް އެޕްލިކޭޝަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ލޯންޗު ކޮށްފި އެވެ.
ސަރުކާރުން ގިނަ އަދަދެއްގެ ކާރު ގެނެސް ޓެކްސީ ހިދުމަތަށް ނުކުތީ މިދިޔަ އޭޕްރިލް މަހު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ޓެކްސީ ހޯދަނީ ހޮޓްލައިން ނަމްބަރަށް ގުޅައިގެން ނުވަތަ ވެބްލިންކެއް މެދުވެރިކޮށެވެ.
ނަމަވެސް އެމްޓީސީސީން މިއަދު ވަނީ މާލެ ޓެކްސީގެ އެޕް ލޯންޗު ކޮށްފައިވާ ކަން އިއުލާން ކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން އެޕަލް ޑިވައިސްތަކަށް އެ އެޕް ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ އެންޑްރޮއިޑް ވާޝަން ވެސް ވަރަށް އަވަހަށް ލޯންޗު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެޕްގެ ފީޗާސްތަކުގެ ތެރޭގައި ވަގުތުން ޓެކްސީ ހޯދުމުގެ އިތުރުން ތިން ގަޑިއިރު ކުރިން ޓެކްސީ ބުކް ވެސް ކުރެވެ އެވެ. އަދި ފައިސާ ދެއްކުމަށް ހާއްސަ ވޮލެޓެއްގެ އިތުރުން ދަތުރު ނިންމާ ގޮތަށް ސްކޭން ކުރެވޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
މާލެ ޓެކްސީގެ އެޕް ލޯންޗު ކޮށްފައި ވަނީ އެ އެޕާ ގުޅޭ ގޮތުން ކޮރަޕްޝަންގެ މައްސަލަތަކެއް ސޯޝަލް މިޑިއާގައި ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން އެޕް ހަދަން 13 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލު ކުރީބިޑަކަށް ނުގޮސް ކޮރަޕްޝަނުން ކަމަށާއި ކުންފުނީގެ މަސްލަހަތު ހިމެނޭ މީހުން އެ މުއާމަލާތް ތެރޭގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވުނެވެ.
އެފަދަ ކަމެއް ހިނގާފައި އޮތް ނަމަ ބަލާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފަހުން ހާމައެއް ނުކުރެ އެވެ.