ހައުސިން މިނިސްޓްރީން ބުނީ މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތަފުސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ.

މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތަފުސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުގެ ފަހުން މާލެ މަގުތައް ހެދުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވްލޮޕްމަންޓް މިނިސްޓްރީން މިއަދު ދިން އަޕްޑޭޓުގައި ބުނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން މަސައްކަތާގުޅެ ސަރަޙައްދުތައް ސާވޭކުރުމާއިި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މި މަޝްރޫއުގެ ޑިޒައިން މަރުހަލާގެ ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ސޮއިކުރީ 23، އޮކްޓޫބަރު 2025 ގަ އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެ ލިޔުމުގައި ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮން ޝިއަންހުއާ އެވެ.

މި މަޝްރޫއުގެ މައުލޫމާތު މި މަހުގެ ހަތަރު ވަނަ ދުވަހު މަޖިލީހަށް ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއުއާ ގުޅޭ އަޕްޑޭޓެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ބޭރުގެ ހިލޭ އެހީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެހީ ދޭ ގައުމުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށްދާނީ އެ އުސޫލުން ކަމަށެވެ.
"އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫއު ލަސްކުރުމަށް ޓަކައި ނޫނީ ކުރިއަށް ނުގެންދިއުމަށް ޓަކައި، ހުރިހާ މަސައްކަތެއް ކުރަމުންދަނީ ވެސް އަވަސްކުރުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓޭޖު ނިންމައި، ސާވޭއާއި ޑިޒައިންކުރާނެ ޓީމެއް ހޮވައިފައިވާނެ ކަމަށާއި، އެ ޓީމު މި މަހުގެ ތެރޭ މާލެ އަންނާނެ އެވެ.
އެއަށްފަހު، ޗައިނާގައި ޓެންޑާކޮށް ޕްރޮކިއާކުރެވި، ވަކި ކުންފުންޏެއް ހޮވައި، މަސައްކަތް ފެށޭނެ ކަމަށާއި، ނަމަވެސް ވަކި ތާރީހެއް ދަންނަވަން ދަތިކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މި މަޝްރޫއުއަކީ 2024ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު މަޝްރޫއުއެކެވެ. މިގޮތުން، ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަކަށް 130 މިލިއަން ޑޮލަރު ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއް ކަނޑައަޅާފައިވަނީ މާލޭގެ މަގުތައް ހެދުމަށް ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވެފައި ވެ އެވެ.