މިދިޔަ އަހަރު ބަޖެޓުގެ ބޮޑު އަދަދެއް ހޭދަކުރީ ވާރުތަވީ ދަރަނި ދައްކަން

ބޭރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދަރަނީގެ ޕްރިންސިޕަލްގެ ގޮތުގައި ދެއްކި 1.7 ބިލިއަން ޑޮލަރާއި، އިންޓަރެސްޓްގެ ގޮތުގައި ދެއްކި 657.9 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ ދަރަނީގެ ބޮޑުބައި ވާރުތަވެފައިވަނީ ރައިސް ސޯލިހު އާއި ރައީސް ޔާމީންގެ ވެރިކަމުން

މި ސަރުކާރަށް ވާރުތަވި ރެކޯޑު އަދަދެއްގެ ދަރަނި އަދާކުރުމަށް، 2025 ވަނަ އަހަރު ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ބޭނުންކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނެފި އެވެ. 

މިނިސްޓްރީން އެކުލަވައިލި ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތުގައި (ނޮވެމްބަރު 2023 އިން މާރިޗު 2026 އަށް) ބޭރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ދަރަނީގެ ޕްރިންސިޕަލްގެ ގޮތުގައި ދެއްކި 1.7 ބިލިއަން ޑޮލަރާއި، އިންޓަރެސްޓްގެ ގޮތުގައި ދެއްކި 657.9 މިލިއަން ޑޮލަރެވެ. 

މިއީ މީގެ ކުރީގެ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު (2014 އިން 2016 އަށް) ބޭރުގެ ދަރަނި އަދާކުރުމަށް ހޭދަކުރީ 423 މިލިއަން ޑޮލަރެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި (2019 އިން 2021 އަށް) މި އަދަދު ހުރީ 538 މިލިއަން ޑޮލަރުގަ އެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ މާލީ ނަތީޖާއިން ދައްކަނީ، ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، އާމްދަނީ އިތުރުކޮށް، އަދި ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް އަހަރު ނިންމާލުމާއެކު، ދަރަނި އަދާކުރުމުގެ ޒިންމާތައް ސަރުކާރަށް ފުރިހަމައަށް އަދާކުރެވުނު ކަމެވެ. އެއާއިއެކު، މާލީ ވުޒާރާއިން ނެރެފައިވާ "ބަޖެޓު ނަތީޖާ ބަޔާން 2025" ގައިވާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 31 އޮކްޓޫބަރު 2024 ގައި އަންދާޒާކުރި 39.8 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. މިއީ މިހާތަނަށް ދައުލަތަށް އާމްދަނީ އެންމެ ގިނައިން ލިބުނު އަހަރެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ހިމެނެ އެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާ ގުޅޭ އާމްދަނީއާއި، ވޯކް ޕާމިޓް ފީއާއި، ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ ހިމެނެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ވެސް ހުރީ އަންދާޒާކުރި މިންވަރުގަ އެވެ. 2025 ވަނަ އަހަރު 2.24 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެފަ އެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ރަނގަޅު އަސަރެއް ކޮށްފައިވާކަން މާލީ ނަތީޖާއިން ދައްކަ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން ކުޑަކުރެވިފަ އެވެ. އަންދާޒާކުރި 9.4 ބިލިއަން ރުފިޔާގެ ބަދަލުގައި، އަސްލު ޑެފިސިޓް ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.6 އިންސައްތަ އެވެ. މިއީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ބަޖެޓް ޑެފިސިޓް އެންމެ ދަށަށް ދިޔަ އަހަރެވެ.

މިދިޔަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ނިންމާލެވުނު ހަމައެކަނި އަހަރެވެ. ދައުލަތުގެ ހުރިހާ ޚަރަދުތަކެއް މެނޭޖްކޮށްފައިވަނީ ފާސްކުރި ބަޖެޓުގެ ތެރެއިންނެވެ. މިދިޔަ އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. މާލީ ވުޒާރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓް ތަންފީޒުކޮށްފައިވަނީ މާލީ އިޞްލާހީ ފިޔަވަޅުތަކާއެކު، ދަރަނި ދެއްކޭނެ މަގު ފަހިކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އިސްކަންދީގެންނެވެ. 

ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަނި އަދާކުރަމުންވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި ސަބްސިޑީތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަން މިނިސްޓްރީން ފާހަގަކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.