މިދިޔަ އަހަރުގެ ބަޖެޓުގެ ނަތީޖާ | ފަސް އަހަރުތެރޭ ސަޕްލިމެންޓްރީއެއް ހުށަނާޅާ އަހަރު

މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން، 2025 ވަނަ މާލީ އަހަރު ނިމިގެން ދިޔައީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދެއް ހަމަޖައްސައިގެންނެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަޕްލިމަންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސި ހަމައެކަނި އަހަރަކީ 2025 ވަނަ އަހަރު ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނެފި އެވެ. 

މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން، 2025 ވަނަ މާލީ އަހަރު ނިމިގެން ދިޔައީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދެއް ހަމަޖައްސައިގެންނެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓު ކޮށްފައިވާއިރު، މިއީ 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރި މިންވަރުގައި ހިފެހެއްޓުނު ފުރަތަމަ ފަހަރެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި މައިގަނޑު އިސްކަމެއް ދީފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށެވެ. މީގެ އިތުރުން، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް ސިޔާސަތުތައް ބައްޓަންކުރެވުނުއިރު، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކާއި ސަބްސިޑީތައް ދެމެހެއްޓުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ.

އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ލަފާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ދައުލަތުގެ އާމްދަނީ ބިނާވާ މައިގަނޑު އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމުގައިވާއިރު، މި ދާއިރާއިން ވެސް ވަނީ ބަޖެޓުގައި ލަފާކުރި މިންވަރާ ގާތްކުރާ ނަތީޖާއެއް ހޯދާފަ އެވެ. 

އެގޮތުން 2,248,120 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރިއިރު، އައިސްފައިވަނީ 2,246,516 މިލިއަން ފަތުރުވެރިންނެވެ. މިއީ ލަފާކުރި އަދަދަށްވުރެ 0.1 އިންސައްތައިގެ ކުޑަ ތަފާތެކެވެ. ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ވަނީ ލަފާކުރި މިންވަރަށްވުރެ އިތުރުވެފަ އެވެ.

ހަރަދުތައް ކުޑަކުރުމަށްޓަކައި ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާ އުސޫލަށް ބަދަލުތަކެއް ގެނެވުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޖުމްލަ ހަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، ހަރަދު ހުރީ 44.2 ބިލިއަން ރުފިޔާގަ އެވެ. މިއީ ބަޖެޓުކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ފިސްކަލް ޑެފިސިޓްވެސް ވަނީ ލަފާކުރި މިންވަރަށްވުރެ ބޮޑުތަނުން ކުޑަކުރެވިފަ އެވެ. ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް އޮންނާނެ ކަމަށް ލަފާކުރި ނަމަވެސް، ދަރަނި ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ. މިއީ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބަލާއިރު އަހަރުން އަހަރަށް މިއީ 6.3 ޕަސެންޓޭޖް ޕޮއިންޓުގެ ދަށްވުމެކެވެ. 

މިއާއެކު، 2025 ވަނަ އަހަރަކީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ދަށް ފިސްކަލް ޑެފިސިޓެއް ރެކޯޑުކުރެވުނު އަހަރަށް ވެގެންގޮސްފައިވާއިރު، މިއީ 2019 އިން 2025 އަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރުވެސްމެ އެވެ.

ޓެކްސް ނޫން އާމްދަނީ އިތުރުވުމަކީ ޖުމްލަ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ އިތުރުން ވޯކް ޕާމިޓް ފީ ހިމެނެ އެވެ.

ދަރަނީގެ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. އެ އަހަރުގެ ތެރޭގައި ދަރަނީގެ މުއާމަލާތްތަކަށް ޖުމްލަ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.