މިއީ ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުތު ތަރައްގީކުރާ ސަރަހައްދެކެވެ. ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ ބޭނުމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ތިލަފުށި ބަނދަރުން ތަރައްގީ ކުރާ ސަރަހައްދު ނިމުން ކަނޑުމަގުން އަންނަ މުދަލުގެ ބޮޑުބައި އެ ސަރަހައްދަށް ބަދަލު ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
ތިލަފުށި ޕޯޓް މަޝްރޫއުގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދު ޕޭވްކުރުމުގެ މަސައްކަތް އެމްޓީސީސީ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.
މި މަސައްކަތާ ބެހޭ ގޮތުން އެމްޕީއެލްއިން ބުނީ މިއީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުތު ތަރައްގީކުރާ ސަރަހައްދެއް ކަމަށެވެ. އެހެން ނަމަވެސް، ތިލަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ ކުރެވޭ "ސާވިސް ކީ" އެއްގެ ގޮތުގަ އެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާ އެމްޕީއެލްއިން ބުނީ ކްލިއަރަންސް އޮޕަރޭޝަންސްތަކަށް މި ސަރަހައްދު ބޭނުންކުރެވެން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެ އެވެ.
"މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލްގައި މިހާރު ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ހިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުއިކަމެއް،" އެމްޕީއެލްއިން ބުނެފައިވެ އެވެ.
އެމްޕީއެލް އިން ބުނީ ތިލަފުށީގައި ތަރައްގީ ކުރާ ބައިނަލްއަގުވާމީ ބަނދަރުގެ އެކި މަސައްކަތްތައް އެ ކުންފުނިން ބާރަށް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށި ބަނދަރު ހިދުމަތަށް ހުޅުވާލައި، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އައު ބަނދަރަށް ބަދަލުކުރުން ކަމަށެވެ.
އެކަމަށް ތިލަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފޭސް-1ގެ ޑިޒައިން އަދި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އަށް މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފަ އެވެ.
ތިލަފުށީގައި ތަރައްގީ ކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލް (މަގަތު ފާލަން) އަދި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކީ ވޯލް ތަރައްގީކުރުމާއި 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިން މަސައްކަތްތަކެވެ. މި މަސައްކަތްތައް ހަވާލުކުރީ 120 ދުވަސް ތެރޭ ފުރިހަމަކުރާ ގޮތަށެވެ. މި މަޝްރޫއުގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ ކީވޯލް ތަރައްގީކުރުމުގެ އަގަކީ 818 މިލިއަން ރުފިޔާ އެވެ. އަދި، ކީވޯލާއި، ސަރަހައްދު ޕޭވްކުރުމާއި އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތާއެކު، މި މަޝްރޫއު ފުރިހަމަކުރުމަށް 154 މިލިއަން ރުފިޔާ ހޭދާވާނެ އެވެ.