މިމައްސަލައިގައި ބައްސާމްގެ މައްޗަށް އުފުލާފައި ވަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ބައްސާމްގެ މައްޗަށް ދައުވާކުރަން ފޮނުވީ އޭސީސީ އާއި ފުލުހުން ހިންގި ޖޮއިންޓް ތަހުގީގަށް ފަހު އެވެ.
އޭސީސީއިން މިއަދު ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހިންގި ތަހުގީގުގައި ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ލޯންޑާކުރުމަށް، އެ ފައިސާ ޖަމާކުރި ކުންފުނި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ބައްސާމްގެ އަމިއްލަ އެކައުންޓަށް 29،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އޭސީސީން ބުނީ އެ ފައިސާ އޭނާ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.
އަދި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ބައްސާމް ސޮއިކޮށްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
މިމައްސަލައިގައި ބައްސާމްގެ މައްޗަށް އުފުލާފައި ވަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.
އެފްއޭއެމްގެ ހިޔާނާތުގައި ބައްސާމް މިހާރުވެސް ގެންދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.