އޮފް-ސީޒަން ނުވަތަ ލޯ-ސީޒަންގެ ފެށުންކަމަށް ބެލެވޭ މެއި މަހު މިވަނީ އަލުން ޕޮޒިޓިވް ގްރޯތްއެއް (ކުރިއެރުމެއް) ފެންނަން ފަށާފަ އެވެ.

ހަނގުރާމައަށްފަހު ޓޫރިޒަމް ރަނގަޅުވުމާއެކު، މިދިޔަ މަހު ޓޫރިޒަމަށް ތިން ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރީ 123,591 ފަތުރުވެރިންނެވެ. ނަމަވެސް، މި އަހަރުގެ މެއި މަހު މި އަދަދު ހުރީ 127,314 ގަ އެވެ. އެހެންވެ މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.0 ޕަސެންޓްގެ ކުރިއެރުމެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ޓޫރިޒަމަށް 15.7 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް ލިބުމަށްފަހު، މާރިޗު މަހާއި އޭޕްރީލް މަހު ޓޫރިސްޓުން އައި އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ނަމަވެސް، އޮފް-ސީޒަން ނުވަތަ ލޯ-ސީޒަންގެ ފެށުންކަމަށް ބެލެވޭ މެއި މަހު މިވަނީ އަލުން ޕޮޒިޓިވް ގްރޯތްއެއް (ކުރިއެރުމެއް) ފެންނަން ފަށާފަ އެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 908,683 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ 5 މަސްދުވަހު ޒިޔާރަތްކުރި 954,335 ފަތުރުވެރިންނާ އަޅާބަލާއިރު ކުޑަ ތަފާތެކެވެ. މެއި މަހު ފެނުނު މި ކުރިއެރުމާއެކު، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ވަރުގަދަވެ، އަހަރުގެ އަމާޒަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށް ސިނާއަތުގެ މާހިރުން އުންމީދު ކުރެއެވެ.