ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ މި މަހުގެ ފަހުކޮޅު ލުޔެއް ދެއްވާނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން ދީފައިވާ ކަމަށެވެ.

ހަނގުރާމައަށްފަހު ޓޫރިޒަމް ރަނގަޅުވަމުންދާތީ، ބީއެމްއެލްއިން ޑޮލަރަށް އަޅާފައިވާ ފިޔަވަޅުތަަކަށް ލުޔެއް ދޭން ވިސްނަމުންދާކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދަށްވެ، ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ މިންވަރު މަދުވުމުން ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ވިއްކާ ޑޮލަރުގެ ނިސްބަތް މަދުކޮށްފަ އެވެ. އަދި ކްރެޑިޓް ކާޑުތަކުން ދުވާލަކު އޮންލައިން ވިޔަފާރިއަށް ދޭ ޑޮލަރުގެ ލިމިޓެއް ހިމަނާފަ އެވެ. އަދި މި ބަދަލުގެ ސަބަބުން އޮންލައިން ވިޔަފާރިކުރާ ބައެއް ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވި އެވެ.
ބީއެމްއެލްގެ މި ފިޔަވަޅަށް ލުއިކަމެއް ދޭން އުޅޭކަމުގެ އިޝާރާތެއް ދެއްވަމުން ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ މި މަހުގެ ފަހުކޮޅު ލުޔެއް ދެއްވާނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން ދީފައިވާ ކަމަށެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާން ކޮށްފައިވާ ގޮތުން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރުގެ ލިމިޓެއް ދީފައިވެ އެވެ.