މަޖިލީހުގެ ނައިބު ރައީސްކަމަށް ރެޑްވޭވް ސަލީމް އިންތިހާބުކޮށްފި

އެ ދެ މެމްބަރުންގެ ތެރެއިން، މަޖިލީހުގެ އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ކުރިއަށް ގެންދިޔަ ސިއްރު ވޯޓުގައި، އެ މަގާމަށް ސަލީމް އިންތިހާބުކޮށްފައިވަނީ 62 މެމްބަރުންގެ ވޯޓާ އެކު އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް: -- މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް، އޭދަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ. 

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ އާ ނައިބު ރައީސެއް އައްޔަނުކުރަން އިއްޔެ މެންދުރަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރުމަށްފަހު މިއަދަށް އެ ޖަލްސާ ފަސްކުރި އެވެ.

އެނގިފައިވާ ގޮތުގައި، އިއްޔެގެ ޖަލްސާ ފަސްކުރީ، މަޖިލީހުގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް ސަރުކާރު ހިންގާ ޕީއެންސީގެ ތެރެއިން ގެންނަން ބޭނުންވާ މެމްބަރަކާ މެދު ގޮތެއް ނުނިންމިގެންނެވެ.

މިގޮތުން، ސަލީމް އާއެކު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެ މަގާމަށް ނަން ހުށަހެޅުއްވިކަން އެނގިފައިވެ އެވެ.

ނަމަވެސް، މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ހުށަހެޅުއްވީ ސަލީމްގެ ނަމެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުގެ ނަން ހުށަހަޅުއްވައިފަ އެވެ.

އެ ދެ މެމްބަރުންގެ ތެރެއިން، މަޖިލީހުގެ އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ކުރިއަށް ގެންދިޔަ ސިއްރު ވޯޓުގައި، އެ މަގާމަށް ސަލީމް އިންތިހާބުކޮށްފައިވަނީ 62 މެމްބަރުންގެ ވޯޓާ އެކު އެވެ.

ޒިޔާދަށް ލިބިވަޑައިގެންނެވީ އެންމެ 10 ވޯޓެވެ. އަދި ބާތިލު ދެ ވޯޓު ލާފައިވެ އެވެ.

އަހުމަދު ސަލީމަކީ މަޖިލީހުގައި އެންމެ ގިނަ ދުވަހު މެމްބަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

މިގޮތުން، މި ހިނގާ 20 ވަނަ މަޖިލީހަކީ، ސަލީމް ވިދިވިދިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވާ ތިން ވަނަ ދައުރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.