މިހާރު ސަރުކާރަކީ އެމްޓީޑީސީގެ މައިނޯރިޓީ ހިއްސާދާރެކެވެ. މެޖޯރިޓީ އޮތީ އާއްމުންގެ އަތުގަ އެވެ. އެ ކުންފުނިން ދަނީ އަންނަ އަހަރު ކުރީކޮޅު ހދ. ނާގޯށި ހުޅުވަން ތައްޔާރު ވަމުންނެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގައި އޮތް ސަރުކާރުގެ ހިއްސާ އިތުރުކޮށް، އާ ރިސޯޓެއްގެ މަސައްކަތް ރޭވިފައިވާ ކަމަށް ބުނެފި އެވެ.
ޕީއެސްއެމްއަށް ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ އެމްޑީ އަހުމަދު ނިޔާޒު ވިދާޅުވީ ކުންފުންޏާއި ހިއްސާދާރުންގެ ފައިދާއަށްޓަކައި އިތުރު ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެ އެވެ. އެކަމަށްޓަކައި ސަރުކާރާއެކު ވެސް މަޝްވަރާ ކުރަމުން ގެންދާކަމަށް ނިޔާޒު ވިދާޅުވި އެވެ.
"ނާގޯށި ނިމުމުން އުންމީދު ކުރަން 2027 ވަނަ އަހަރު އެމްޓީޑީސީގެ އިތުރު ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން. އެ ޕްލޭން ވަރަށް އަވަހަށް ހާމަކުރާނަން. މީގެ އިތުރުން އެމްޓީޑީސީގެ ހިއްސާ އޮންނަ މިންވަރު އިތުރު ކުރަން ބޭނުންވޭ. އެކަމަށް ސަރުކާރާއެކު އެކި މަޝްވަރާ ކުރަމުން ދިޔައިން. އެކަން ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ދައުރު ބޮޑުވާނެ. ސަރުކާރުގެ ދައުރު ބޮޑުވީމަ އޭގެ ފައިދާ ރައްޔިތުންނަށް ބޮޑުވާނެ،" ނިޔާޒު ވިދާޅުވި އެވެ.
"ސަރުކާރުގެ ބައިވެރިވުން އިތުރު ކުރަން ވަރަށް ގިނަ މަސައްކަތް ކުރަން. އީދު ބަންދަށްފަހު ރަސްމީކޮށް އެކަން އިއުލާނު ކުރާނަން."
ނިޔާޒު ވިދާޅުވީ އެމްޓީޑީސީއަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ކުންފުނީގެ މާލީ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ސާފު ފައިދާއެއް ލިބިފައިވާކަނ ނިޔާޒު ފާހަގަ ކުރެއްވި އެވެ. އަދި އަންނަ މަހު ހުޅުވާ 11 ބުރީގެ އޮފީސް އިމާރާތާއި އަންނަ އަހަރު ހުޅުވާ ހދ، ނާގޯށި ރިސޯޓާއެކު ކުންފުނީގެ ހާލަތު ބޮޑުތަކުން ރަނގަޅުވާނެކަމުގެ އުންމީދު އެބައޮތްކަމަށް ނިޔާޒު ވިދާޅުވި އެވެ.
އެމްޓީޑީސީ އުފެދުނީ 9. އޭޕްރީލް 2006 ގައެވެ. އެއީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، ރާއްޖޭގެ ކުންފުނީގެ ގާނޫނުގެ ދަށުންނެވެ. އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޮޑު ނަފާ އާއި މަންފާ، ހަމައެކަނި މަދު މަހުޖަނުންނަށް ނުވަތަ ބޮޑެތި ކުންފުނިތަކަށް ލިބުމުގެ ބަދަލުގައި، އާންމު ދިވެހި ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި ފޯރުކޮށްދިނުމެވެ. މިއީ ދިވެހިންނަށް ކުންފުނީގެ ހިއްސާ ވިއްކައިގެން، ރިސޯޓްތައް ތަރައްގީކޮށް، އޭގެއިން ލިބޭ ފައިދާ ޑިވިޑެންޑްގެ ގޮތުގައި ރައްޔިތުންނަށް ބެހުމަށް ހުޅުވާލި ފުރުސަތެކެވެ. ކުންފުނި އުފެދުމަށްފަހު، 2007 ވަނ އަހަރު އެމްޓީޑީސީން އާންމުންނަށް ހިއްސާ ވިއްކަން ހުޅުވާލިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކުންފުންޏެއްގެ ހިއްސާ ގަތުމަށް އާންމުންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ފަހަރެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ރައްޔިތުންނެއް ކިއޫ ހަދާފައި އެމްޓީޑީސީގެ ހިއްސާ ގަތެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މެޖޯރިޓީ ހިއްސާ (53%) އާންމު ރައްޔިތުންގެ އަތްމައްޗަށް ބަދަލުވި އެވެ.
އެމްޓީޑީސީއަށް ސަރުކާރުން އެކި އަތޮޅުތަކުން ރަށްތައް ހަވާލުކުރިއެވެ. ކުންފުނީގެ ވިސްނުމަކީ އަމިއްލައަށް ރިސޯޓް ހަދައިގެން ހިންގުމުގެ ބަދަލުގައި، ރަށްތައް ނަގައި، އެ ރަށްތައް ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑްތަކަށް ކުއްޔަށްދީގެން އާމްދަނީ ހޯދުމެވެ. އެގޮތުން ބ. އަތޮޅު ކިހާވައް ހުރަވަޅި (އަނަންތަރާ) އަދި ގދ. މަގުދުވާ (އަޔާޑާ) ފަދަ ރަށްތައް ސަބްލީޒްކޮށްގެން ކުންފުންޏަށް ދާއިމީ އާމްދަނީއެއް ލިބެން ފެށިއެވެ. ނަމަވެސް ކުންފުނީގެ ތާރީޚުގައި ބޮޑެތި މާލީ ހީނަރުކަމާ ކުރިމަތިލާންޖެހުނެވެ. ޚާއްސަކޮށް ހއ. އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރަން އުޅުމާއި، ހދ. ނާގޯށި އަދި ނ. އެނބޫދޫ ފަދަ ރަށްތައް އެކި ސަބަބުތަކާ ހުރެ މުއްދަތަށް ތަރައްގީ ނުކުރެވި ދިގުލައިގެން ދިއުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ބައެއް އަހަރުތަކުގައި އާންމު ހިއްސާދާރުންނަށް ފައިދާ ނުބެހި ވެސް ދިޔަ އެވެ. ނަމަވެސް 2010 ގެ ފަހުކޮޅުން ފެށިގެން އެމްޓީޑީސީން ވަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، "ލޮސް-މޭކިން" ނުވަތަ ބޮޑު ބުރައަކަށްވެފައި ހުރި ބައެއް ރަށްތައް ސަރުކާރަށް އަނބުރާ ހަވާލުކޮށް، ޕޯޓްފޯލިއޯ ކުޑަކޮށްފައެވެ. މި ބަދަލުތަކާއެކު، ކުންފުނި އަލުން ފައިދާވާ ކުންފުންޏަކަށް ބަދަލުވެ، ފާއިތުވި އަހަރުތަކުގައި ގަވާއިދުން ހިއްސާދާރުންނަށް ފައިދާ ބަހަން ވަނީ ފަށާފައެވެ. މިހާރު ކުންފުނީގެ މައިގަނޑު އަމާޒަކީ އާމްދަނީ ލިބޭނެ އާ ވަސީލަތްތައް ހޯދުމާއި، ހދ. ނާގޯށި ފަދަ ރަށްތައް އަލުން ތަރައްގީކޮށް ނިންމުމެވެ.