އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި، ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހާއި އޭގެ އަގަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ނޯ ޓޮބޭކޯ ޑޭއާ ގުޅިގެން ރައީސް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ، ގައުމެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ "ޓޮބޭކޯ-ފްރީ ދިވެހިރާއްޖެ" އެއް ގާއިމްކުރުމަށް، ޓޮބޭކޯ ސެސޭޝަން ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ގާނޫނުތައް އިތުރަށް ފުޅާކުރެވިފައިވާ ކަމަށެވެ.
އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި، ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
އޭގެ އިތުރުން، ފްލޭވާޑް ނިކޮޓީން ޕައުޗާއި އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މިހާރު ފުޅާވެފައިވާ ކަމަށާއި، މިކަންކަމަށް އިތުރަށް ސަމާލުވެ، އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވި އެވެ.
މި މެސެޖުގައި ރައީސް ވިދާޅުވީ ދުންފަތާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ އިތުރުން، އޭގެ ސަބަބުން ކުރިމަތިކުރުވާ އިޖްތިމާއީ އަދި އިގްތިސޯދީ މައްސަލަތަކަކީ، އާންމު ސިއްހަތަށާއި ގައުމުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.
އަދި، ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމަށާއި، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެތަކެތި ޒުވާނުންނަށް މާކެޓްކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ. އެގޮތުން، އީ-ސިގިރޭޓު މަނާކުރުމާއި، ޓޮބޭކޯ-ފްރީ ޖެނެރޭޝަނަލް ބޭނެއް 2025ގައި ތަންފީޒު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.