މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މާދަމާ އަށް ފަސްކޮށްފި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ވަކިކުރުމާ ގުޅޭ ޖަލްސާ މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވައި މަގާމުން އިސްތިއުފާ ދެއްވީ ޖަލްސާ ފެށެން ވަރަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
އެހެންވެ މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންގޮސް ނިންމައިލީ އެވެ. ޖަލްސާ ނިންމަވައިލައްވަމުން، އާ ނައިބް ރައީސަކު ހޮވުމަށް މިއަދު ޖަލްސާއެއް ބާއްވާނެ ކަމަށް ރިޔާސަތުން އިއުލާނު ކުރި އެވެ.
ނަމަވެސް އެ ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
ނާޒިމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ މަގާމުން ވަކިކުރަން ހުށަހެޅި ސަބަބުތައް ހަގީގަތަކަށް ނުވިނަމަވެސް، އިންތިހާބީ މަގާމަކަށް، ވޯޓުލީ އެންމެންނަށް އެ މަގާމުން މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަޅުގަނޑު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ، މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެއެވެ." ނާޒިމްގެ ސިޓީގައިވެ އެވެ.