ތުހުމަތުތައް ދޮގުކުރައްވައި ނާޒިމް އިސްތިއުފާ ދެއްވައިފި

ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީގެ ފަރާތުން ހުށަހަޅައި، މިއަދަށް މައްސަލަ ތާވަލުކޮށްފައި ވަނިކޮށެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް: އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި --

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީގެ ފަރާތުން ހުށަހަޅައި، މިއަދަށް މައްސަލަ ތާވަލުކޮށްފައި ވަނިކޮށެވެ.

ނާޒިމް މަގާމުން ވަކި ކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނާ ގޮތުން ނާޒިމް ގެންދަވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންނެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރު ދިނުމާއި ޒިންމާ އިން ބަރީއަވަމުން އަންނަ ކަމަށް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

އޭގެ އިތުރުން، މަޖިލީހުގައި ވަކި އަތަކަށް ޖެހިފައިވާ ކަން ސާފުވާ ކަމަށާއި މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކޮށްދިނުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ. އެހެންވެ މެންބަރުންނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ނާޒިމް ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

ނަމަވެސް އެ ތުހުމަތުތައް ނާޒިމް ވަނީ ދޮގުކުރައްވައިފަ އެވެ. ނާޒިމްގެ އިސްތިއުފާގެ ސިޓީގައި ވަނީ އެ ތުހުމަތުތައް ސާބިތުވާނެ ހެއްކެއް އެ ގަރާރުގައި ހުށަހަޅާފައި ނުވާ ކަމަށާއި، ނައިބް ރައީސްގެ ހައިސިއްޔަތުންނާއި މެންބަރެއްގެ ހައިސިއްޔަތުންވެސް ކޮށްފައިވާ އެއްވެސް ކަމަކާ އެއްވެސް މެންބަރަކު ޝަކުވާއެއްވެސް ކޮށްފައި ނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަޅުގަނޑު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ، މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެއެވެ." ނާޒިމްގެ ސިޓީގައިވެ އެވެ.

ނާޒިމް ވިދާޅުވެފައި ވަނީ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ މަގާމުން ވަކިކުރަން ހުށަހެޅި ސަބަބުތައް ހަގީގަތަކަށް ނުވިނަމަވެސް، އިބްތިހާބީ މަގާމަކަށް ވޯޓުލީ އެންމެންނަށް އެ މަގާމުން މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

އެހެންކަމުން ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވަމުން، މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.