
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހަ ވަރަކަށް ބިދޭސީ ފިރިހެނުންގެ މެދުގައި މާރާމާރީ ހިންގައި، ތަޅައި އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ނަމަވެސް، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ބިދޭސީންގެ މެދުގައި މީގެކުރިން ވެސް ހިނގި މާރާމާރީގެ މައްސަލަތަކުގައި އެކަމުގައި ޝާމިލުވި ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކޮށްފައިވެ އެވެ.