ރައީސް ވިދާޅުވީ ސްކޫލު ދައުރުގައި ކުރެވުނު ތަޖުރިބާގެ އަލީގައި ރައީސް ވިދާޅުވީ ސްކައުޓުން ދަސްވި ހުނަރާއި ތަޖުރިބާތަކުން ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި ވެސް މަގު ދައްކައިދިން ކަމަށެވެ.

ސްކޫލު ދައުރުގައި ސްކައުޓުގައި އުޅުއްވި ދުވަސްވަރު ކުރެއްވި ތަޖުރިބާތަކުން ދިރިއުޅުމުގައި މަގުދައްކައިދިން ކަމަށާއި އެއީ ޒުވާނުންނަށް ވެސް ބޭނުންވާނެ ތަޖުރިބާތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ސްކައުޓަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއް ކަމަށާއި ނަފްސު އިސްލާހުކުރުމާއި ރިވެތި އަހުލާގުގެ މަތީގައި ނަފްސަށް އިތުބާރުކުރާ ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި އަމަލީ ތަރުބިއްޔަތުގެ މައިދާނެއް އެ ހަރަކާތުން ރަމްޒު ކޮށްދޭ ކަމަށެވެ.
ސްކައުޓްގެ ހަރަކާތްތަކުން ރާއްޖޭގެ ޖަޒީރާތަކުގެ ދުރުމިން ކައިރިކޮށްދޭ ކަމަށާއި ޒުވާނުން އެއްބައިވަންތަކޮށް ގުޅުވައިދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ސްކޫލު ދައުރުގައި ކުރެވުނު ތަޖުރިބާގެ އަލީގައި ރައީސް ވިދާޅުވީ ސްކައުޓުން ދަސްވި ހުނަރާއި ތަޖުރިބާތަކުން ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި ވެސް މަގު ދައްކައިދިން ކަމަށެވެ.
"ކަބް ސްކައުޓް މޮޓޯގައި ބުނާ 'ޑޫ ޔޯ ބެސްޓް' އަދި ސްކައުޓް މޮޓޯގައި ބުނާ 'ބީ ޕްރިޕެއާޑް' އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެނުވި ތަޖުރިބާތައް. އެއީ އެފަދަ ތަޖުރިބާތަކަކަށް އަޅުގަނޑުމެންގެ ޒުވާނުން ބޭނުންވެފައިވާ ތަޖުރިބާ ތަކެއްކަން އަޅުގަނޑަށް ޔަގީން." ރައީސް ވިދާޅުވި އެވެ.
އިސްލާމްދީނުގައި ބާރު އަޅާފައިވާ ފަދައިން އިންސާނީ ހިދުމަތް ކުރުމަށް ސްކައުޓް ހަރަކާތުން އަހުމިއްޔަތު ދޭ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ 2004 ވަނަ އަހަރު ހިނގި ސުނާމީގެ ކާރިސާ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ކާރިސާގައި އެއްވެސް ޖެހިލުމެއްނެތި ގައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނެ ކަން ސްކައުޓުން ސާބިތު ކޮށްދިން ކަމަށެވެ.
ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ 70 އަހަރުސްކައުޓް ހަރަކާތް ތަރައްގީ ކުރައްވައި ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކުރައްވައި ތަހުނިޔާ އާއި މުބާރަކުބާދީ ރައީސް ވިދާޅުވި އެވެ.