ނާޒިމްގެ އިތުބާރު ނެތް މައްސަލަ މާދަމާ އަށް ތާވަލުކޮށްފި

އާދީއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ މަސައްކަތަކީ ނާޒިމް މަގާމުން ވަކި ކުރުން

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކި ކުރުމުގެ މައްސަލަ މާދަމާ އަށް ތާވަލު ކޮށްފި އެވެ.

މަޖިލީހުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ މާދަމާ ޖަލްސާގެ އެޖެންޑާގައި އޮތީ ނާޒިމް ވަކި ކުރުމުގެ މައްސަލަ ހިމަނައިފަ އެވެ.

މި މަހު 14 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ދައުރު ދަންމަން ފާސް ކުރި އިރު މިއީ އޭގެ ފަހުން ބާއްވާ ފުރަތަމަ އަދި މި ދައުރުގެ ފަހު ޖަލްސާ އެވެ. 

ނާޒިމް މަގާމުން ވަކި ކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނާ ގޮތުން ނާޒިމް ގެންދަވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންނެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރު ދިނުމާއި ޒިންމާ އިން ބަރީއަވަމުން އަންނަ ކަމަށް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

އޭގެ އިތުރުން މަޖިލީހުގައި ވަކި އަތަކަށް ޖެހިފައިވާ ކަން ސާފުވާ ކަމަށާއި މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކޮށްދިނުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ. އެހެންވެ މެންބަރުންނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ނާޒިމް ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

ނަމަވެސް އެ ގަރާރުގައި ސީދާ ވަކިވަކި މައްސަލަތަކެއް ނުވަތަ އެ ތުހުމަތުތަކުގެ މިސާލެއް ފާހަގަ ކޮށްފައި ނުވެ އެވެ.

އެކަންކަމާ ގުޅޭ ގޮތުން މިހާތަނަށް ނާޒިމް ވެސް ވަކި އެއްޗެއް ރަސްމީކޮށް ވިދާޅުވެފައި ނުވެ އެވެ.

މަޖިލީހުން ވަނީ އެ ގަރާރަށް ބަހުސް ކުރާނީ 50 މިނެޓަށް ކަމަށާއި ނާޒިމަށް ވާހަކަ ދައްކަން 10 މިނެޓު ދިނުމަށް ނިންމައިފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އޭނާ ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ނާޒިމް ވަކި ކުރަން ހުށަހެޅި ގަރާރުގައި ޕީއެންސީގެ 73 މެންބަރުން ވަނީ ސޮއި ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.