ރާއްޖެއަށް ހައިޑްރޯފޮއިލް އިލެކްޓްރިކް އުޅަނދު ތައާރަފު ކުރަނީ

ވޯލްސްޓްރީޓް ޖާނަލްގައިވާ ގޮތުން ނޭވިއާ ކުންފުންޏާއި ޖޭއައިއެޗް ގްލޯބަލް ފުރަތަމަ ފަސް އުޚަނދު ރާއްޖެއަށް ގެންނާނެ އެވެ. މިއީ ރާޅުމަތީގައި ދަތުރު ކުރާ އީވީ އުޅަނދުތަކެކެވެ، ފުރަތަމަ ލޯންޗްތައް މި އަހަރު ގެންނާނެ އެވެ.

ރާއްޖެއަށް ތައާރަފު ކުރަން މަސައްކަތް ކުރާ ނޭވިއާގެ އީވީ ސްޕީޑް ލޯންޗެއް -- ވޯލް ސްޓްރީޓް ޖާނަލް

އެމެރިކާގެ ސިލިކަން ވެލީ ސްޓާޓްއަޕް އަކުން އުފައްދާފައިވާ ހައިޑްރޯފޮއިލް އިލެކްޓްރިކް ސްޕީޑް ބޯޑު ރާއްޖޭގެ ޓޫރިޒަމް ސެކްޓަރަށް ތައާރަފު ކުރަން ތައްޔާރު ވެއްޖެ އެވެ. 

މި ބޯޑު ފަރުމާކުރި ނޭވިއާ ކުންފުންޏާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލް އިން ބުނާގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 100 އުޅަނދުގެ ފްލީޓެއް ތައާރަފުކުރުމަށް، ދިވެހި ޑިވެލޮޕަރެއް ކަމަށްވާ ޖޭއައިއެޗް ގްލޯބަލް އާއެކު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. 

ޖޭއައިއެޗް ގްލޯބަލްގެ ޗެއާމަންއަކީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އެވެ. އަދި އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު- ސްޓްރެޓަޖީ އެންޑް ކެޕިޓަލްގެ މަގާމުގައި ހުންނެވީ ޖަނާގެ ދަރިކަލުން ނޫރެއިން ޖަނާހު އެވެ. އަދި އެ ކުންފުނީގެ އެސެޓް ޑިވްލޮޕްމަންޓް އެންޑް ޑައިވާސިފިކޭޝަންގެ މަގާމުގައި ހުންނެވީ ޖަނާގެ ދަރިފުޅު އަހުމަދު ޖާސިމް ޖަނާހު އެވެ. 

ވޯލްސްޓްޓީޓް ޖާނަލްގައިވާ ގޮތުން ސެން ފްރެންސިސްކޯއަށް ނިސްބަތްވާ ނޭވިއާ ކުންފުނިން ވެފައިވާ މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަސް ބޯޓު މި އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެންނަން ވަނީ ތާވަލްކޮށްފަ އެވެ. މި ނެޓްވޯކް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެއާޕޯޓްތަކާއި ރިސޯޓްތަކާއި އަދި މީހުން ދިރިއުޅޭ ރަށްތައް ގުޅުވާލާ ގޮތަށެވެ.  

ރާއްޖެއަށް ތައާރަފު ކުރަން މަސައްކަތް ކުރާ ނޭވިއާގެ އީވީ ސްޕީޑް ލޯންޗެއް -- ވޯލް ސްޓްރީޓް ޖާނަލް

މި މަޝްރޫއު ވެގެންދާނީ މިހާތަނަށް ޑީސަލް ފެރީތަކާއި ލޯންޗުތަކަށް ބަރޯސާވެފައި އޮތް ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްނޮލޮޖީ ތައާރަފުކުރުމަށް އަންނަ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށެވެ. މި އުޅަނދަކީ ނިއުޔޯކްގެ އާޓެމިސް ޓެކްނޮލޮޖީސް އާއި ސްވިޑަންގެ ކަންޑޭލާ އަދި ނިއުޒިލޭންޑްގެ ވެސެވް ފަދަ ސްޓާޓްއަޕްތަކުން ވެސް ދަނީ އެމެރިކާ، ޔޫރަޕް އަދި އެހެނިހެން ސަރަހައްދުތަކުގައި މިފަދަ އުޅަނދުތައް ބޭނުން ކުރެ އެވެ.

ނޭވިއާ ކުންފުނިން ގަބޫލުކުރާ ގޮތުގައި ބެޓެރީ ސިސްޓަމްތަކާއި ލުއި މާއްދާތަކަށް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުން، ކަނޑުމަގުން ކުރާ ދަތުރުތައް މާލީގޮތުން މާ ފައިދާހުރި އެއްޗަކަށް ހެދިދާނެއެވެ.

ޗާޖުކުރާ ހައިޑްރޯފޮއިލް ހަރުކުރި އުޅަނދެއް

ނޭވިއާގެ ބާނީ އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިއާ ވިދާޅުވި ގޮތުގައި ކުންފުނީގެ އަމާޒަކީ ހަމައެކަނި ބޯޓު އުފެއްދުމެއް ނޫނެވެ. އޭގެ ބަދަލުގައި ކަނޑުދަތުރުފަތުރުގެ އެއް މިންގަނޑަކުން ހިނގާ ޕްލެޓްފޯމެއް ބިނާކުރުމެވެ.

ހައިޑްރޯފޮއިލް އުޅަނދުތަކަކީ ފެނުގެ އަޑީގައި ހަރުކޮށްފައިވާ މައްޗަށް ނެގޭ ޑިވައިސްއަކުން ދުއްވާ އުޅަނދުތަކެކެވެ. މިފަދަ އުޅަނދުތައް ދުއްވާލުމާއެކު މައްޗަށް އުފުލިލަ އެވެ. އެހެންވުމުން އުޅަނދުގެ ބަނޑުފިލާ ފެނުން މައްޗަށް އުފުލާލައެވެ. މީގެ ސަބަބުން އުޅަނދު ރާޅާ ޖެހުން ކުޑަވެ، ހަކަތަ ބޭނުންކުރާ މިންވަރު މަދުވެ އެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން، ކުދި ލޯންޗު ފަހަރު ދުއްވާއިރު ރާޅާ ޖެހުމުގެ ސަބަބުން ދަތުރުވެރިންނަށް އަންނަ އުނދަގުލުން ދުރުކޮށްދެ އެވެ. 

އެމެރިކާގައި ހުރި ދުރަށް ދަތުރުކުރެވޭ އީވީ އުޅަނދު

ނޭވިއާގެ ފުރަތަމަ އުޅަނދަކީ "އެން 30 ޕައިނިއާ" ގެ ނަން ދީފައިވާ ލޯންޗެކެވެ. މިއީ 30 ފޫޓުގެ އިލެކްޓްރިކް ހައިޑްރޯފޮއިލް ކްރާފްޓެކެވެ. މީގައި ކެޕްޓަނުގެ އިތުރުން 8 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިއީ މިހާރު އެމެރިކާގައި ދުއްވާ، އެންމެ ދުރަށް ދަތުރުކުރެވޭ އޯލް-އިލެކްޓްރިކް ހައިޑްރޯފޮއިލް އުޅަނދެވެ. މީގެ އިތުރުން، ނޭވިއާއިން ދަނީ 60 ފޫޓާއި 120 ފޫޓުގެ ބޮޑެތި މޮޑެލްތަކާއި އަދި ޗާޖިން އިންފްރާސްޓްރަކްޗާ މަދު ރޫޓުތަކަށް ހާއްސަކޮށްގެން ޑީސަލް ހައިބްރިޑް-އިލެކްޓްރިކް ބޯޓުތައް ވެސް ތަރައްގީކުރަމުންނެވެ.

މި އުޅަނދު ވެގެންދާނީ 35،000 އަކަމޭލުގެ ކަނޑުގެ ސަރަހައްދަކަށް ފެތުރިފައިވާ ކަނޑު ދަތުރުތަކަށް ބަރޯސާވާ ރާއްޖެއަށް ލިބޭނެ މުހިންމު އުފެއްދުމަަށެވެ. ރާއްޖޭގައި މިހާރު ވެސް ރަށު ރައްޔިތުންނާއި ފަތުރުވެރިން އެއްރަށުން އަނެއްރަށަށް، ރިސޯޓުތަކަށް އަދި އެއާޕޯޓުތަކަށް އުފުލުމަށްޓަކައި ތެޔޮ އަންދާ އެތައް ހާސް ފެރީތަކާއި ލޯންޗުތައް ބޭނުންކުރެއެވެ.

ބަޓަޗާރިއާ ވިދާޅުވީ ނޭވިއާގެ ބޯޓުތަކުން ފުރަތަމަ އަމާޒުހިފާނީ ލަގްޒަރީ ރިސޯޓުތަކާއި މަތީ ފަންތީގެ ހޮސްޕިޓާލިޓީ އޮޕަރޭޓަރުންނަށް ކަމަށެވެ. މިއީ ކަނޑުމަތީގެ "ބްލެކް ކާ" (ވީއައިޕީ ކާރު) ނެޓްވޯކެއްގެ ގޮތުގައި ޕޮޒިޝަން ކުރާނެ ހިދުމަތެކެވެ. ނޭވިއާގެ ރާއްޖޭގެ ބައިވެރިޔާ ޖޭއައިއެޗް ގްލޯބަލް އަކީ ރާއްޖޭގައި ބައެއް ބޮޑެތި ހޮޓާތައް ތަރައްގީކޮށްފައިވާ، އަދި ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ގުޅުން އޮންނަ ކުންފުންޏެކެވެ.

ފުރަތަމަ ފިޔަވަހީގައި ގެންނަ 5 އިލެކްޓްރިކް ބޯޓު ޗާޖުކުރާނީ މިހާރު ވެސް މެރީނާތަކުގައި ހުންނަ ޝޯ-ޕަވަރު (އެއްގަމުން ކަރަންޓުދޭ) ސިސްޓަމްތައް މެދުވެރިކޮށެވެ. ނަމަވެސް ފަހުން ފާސްޓް-ޗާޖިންގެ ޚިދުމަތް އިތުރުކުރަން ވަނީ ރާވާފައެވެ. ބަޓަޗާރިއާ ވިދާޅުވި ގޮތުގައި މި ބޯޓުތަކަކީ ޓެސްލާގެ "ނޯތު އެމެރިކަން ޗާޖިން ސްޓޭންޑަޑް" އާ އެއްގޮތްވާގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. ޗާޖިން އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަރުހަލާ ހިނގަމުންދާއިރު، ކުންފުނިން ރާއްޖެ އަށް ޑީސަލް-ހައިބްރިޑް ބޯޓުތައް ވެސް ތައާރަފުކުރާނެ އެވެ. އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.