އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ އެވެ،

ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްދުށީ މާލި ޕެރޭޑާ އާއްމުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމު ވިދާޅުވީ ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށާ ޙައްޖުގެ އަޅުކަމާއި ގުޅިގެންނެވެ.
"ޙައްޖުގެ އަޅުކަން މުޅިން ނުނިމެނޭސް، މަޝާޢިރުތަކުގައި ޙައްޖުވެރިން ތަލްބިޔާ ކިޔައި ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާއިރު، އަދި މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރު އަޑު އިވެމުންދާ ހިނދު، ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ،" ޑރ. ޝަހީމު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ ކަމަށެވެ.