"ލީވާނާއި ޝަހުޒާން ދެ ގޮޑިއަކަށްލީ ފޯނެއް ފެނިގެން، އެކަން ދަނީ ތަހުގީގު ކުރާމުން"

އޭނާ ވިދާޅުވީ އެކަންކަމަކީ ވަކި ފަރާތަކުން އަންގައިގެން ވަކި ގައިދީއަކަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އަމުދުން ރައީސުންޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ވެސް ނޫން ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓާ އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ ޖަލަށްލި "އަދަދު" ނޫހުގެ ދެ ނޫސްވެރިންގެ ވަކި ދެ ގޮޅިއަކަށްލީ ދެމީހުން ތިބި ގޮޅިން ފޯނެއް ފެނިގެން ކަމަށާއި، އާންމު އުސޫލުގެ ދަށުން އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކޮށް "އަދަދު"ން ހެދި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫހުގެ ދެ އެޑިޓަރުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު ޕީޖީ އޮފީހުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގެ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރު ކޮށްފަ އެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް މުއިއްޒާ ސުވާލު ކުރި މައްސަލައިގައި އޭނާ އަށް 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. އަދި ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލާން އެ ކޯޓުން އަމުރު ކުރި އެވެ.

ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އިއްޔެ ޝަހުޒާން މިނިވަންވެފައިވާއިރު، މިނިވަންވުމަށްފަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ އެ ދެ ނޫސްވެރިން ޖަލަށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. އަދި ދެ މީހުން ފުރަތަމަ އެއް ގޮޅިއެއްގައި ބޭތިއްބުމަށްފަހު ފަހުން ވަކި ދެ ގޮޅިއަކަށްލީ ވެސް އެމަނިކުފާނު އަންގަވައިގެން ކަމަށެވެ.

އަދި ކޮންމެ ރެއަކު ޖަލު އޮފިސަރުން ދަގަނޑާއި މުގުރު ހިފައިގެން އައިސް އެމީހުން ތިބި ގޮޅީގެ އައްޓާއި ފާރު ތަޅާފައިވާ ކަމަށްވެސް ޝަހުޒާން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަށް ރައްދު ދެއްވަމުން އިހުސާން މިއަދު ވިދާޅުވީ އެއީ "100 ޕަސެންޓް" ދޮގު ތުހުމަތުތަކެއް ކަމަށެވެ. މިމަހުގެ 15 ވަނަ ދުވަހު އާންމުންގެ މީހަކު ދިން މައުލޫމާތަކާ ގުޅިގެން އެރޭގެ 19:35 ދެ ނޫސްވެރިން ތިބި ގޮޅި ޖަލު އޮފިސަރުން ބަލައި ފާސްކުރިއިރު، އެމީހުންގެ އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން ޖަލުގައި އެހެން ގައިދީންނަށްވެސް މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތަށް މި ދެމީހުން ވަނީ މޮނީޓާ ކުރެވޭ ގޮރަށް ވަކިން ދެ ގޮޅީގައި ބައިތިއްބާފައި، އަދި އެފަހުން މީގެ ކުރިންވެސް ޖަލުގައި ކަންކަމުގައި އަމަލުކުރާ ފަދައިން އެ ގޮޅިތައް ވަނީ ވަކިން އިންޓަވަލްތަކުގައި ބަލައި ފާސްކޮށްފައި،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންކަމަކީ ވަކި ފަރާތަކުން އަންގައިގެން ވަކި ގައިދީއަކަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އަމުދުން ރައީސުންޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ވެސް ނޫން ކަމަށެވެ.

ފޯނަކީ ޖަލަށް ވެއްދުން މަނާ އެއްޗަކަށް ވާތީ އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މީގެ ކުރިން ލީވާންގެ ގާނޫނީ ވަކީލް ވިދާޅުވެފައި ވަނީ އޭނާ ވަކިން ބައިންދާފައި ވަނީ މަރުގެ މައްސަލަތަކުގައި މީހުން ބައިތިއްބާ ގޮޅިތައް ކައިރީގައި ކަމަށެވެ. އަދި އޭނާގެ ސިއްހީ ފަރުވާއަށް ވެސް ކަރެކްޝަންސް އިން ހުރަސް އަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.