ފޯބްސްއަށް ޖަނާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުން އޮންނަނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ފުރިހަމަ އަށް ތަރުތީބު ކުރެވިފައިވާފަ އެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމުން ފައިދާ 20 ޕަސެންޓާ ހަމައަށް މަތިވެގެންދެ އެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މަގުބޫލު އެއް ވިޔަފާރި މަޖައްލާ ކަމަށްވާ ފޯބްސް އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖެއަށް އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވެފައިވާ ގޮތުގައި ޔޫއޭއީ އިން 2030 ވަނަ އަހަރާ ހަމައަށް ތިން ބިލިއަނަށްވުރެ ގިނަ އިންވެސްޓްމަންޓް ރާއްޖެ އަންނަން ވަނީ ތަރުތީބު ކުރެވިފަ އެވެ.
"މިއީ ދުނިޔޭގެ ނުފޫޒުގަދަ މުއްސަނދިންނަށް ހާއްސަ ސެކަންޑް ހޯމް [ދެވަނަ ބޯހިޔާވަހިކަމުގެ] މާކެޓަށް އޮތް ބޮޑު އިތުބާރެއްގެ ސަބަބުން ލިބުނު ފުރުސަތެއް. މީގެއިން ލިބޭ މަންފާ 20 ޕަސެންޓާ ހަމައަށް މަތިވެގެންދޭ،" ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއާމަން އަދި ވޮލްޑޯފް އެސްޓޯރިއާ ފަދަ މަޝްހޫރު ބްރޭންޑްތައް ރާއްޖެ ގެނެސްދިން އަދި ޓޫރިޒަމް ވިޔަފާރީގައި 46 އަހަރުގެ ތަޖުރިބާކާރު ވިދާޅުވެފައިވެ އެވެ.
ފޯބްސްގައިވާ ގޮތުން ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ މޫދު ވިލާތަކާއި ސާފު ފަޅުތަކުގެ ސަބަބުން މަގުބޫލު ގައުމެކެވެ. ނަމަވެސް މިހާރު ރާއްޖޭގެ ޓޫރިޒަމް މިވަނީ މާ ފުޅާ އަދި މާ ކުރިއަރާފައިވާ މަރުހަލާ އަކަށް ދަތުރުކުރަން ފަށާފަ އެވެ. އެކަމަށް މިސްރާބު ހިފާފަ އެވެ.
ދުނިޔޭގެ ބްރޭންޑްތަކާއެކު ރާއްޖެ ވަނީ ވަރުގަދަވެފަ އެވެ. އެގޮތުން ބަލްގަރީ އާއި ނޮބޫ އަދި އަމާންގެ އިތުރުން އެޓްލާންޓިސް އާއި ޓްރަމްޕް ހޮޓެލް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓްތައް ރާއްޖޭގައި އަލަށް ހަދާ ރިސޯޓްތަކުގެ ތެރޭގައި ހިމެނެ އެވެ. މިކަމުން ޔަގީންކޮށްދޭ ކަމަކީ މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑް އަދަދަކަށް 2.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވުމެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރުގައި ހުޅުވުނު އައު ބައިނަލްއަގުވާމީ އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރު ވަރުގަދަ ވެގެންދާނެ ކަމެވެ.
ފޯބްސް އިން ވަނީ މި އަހަރު އަލަށް ހުޅުވާ ރިސޯޓްތަކެއް ލިސްޓެއްވެސް އެކުލަވާލާފަ އެވެ.
ބަލްގަރީ ރިސޯޓް ރަންފުށި - ރާ އަތޮޅުގައި ހަދާ މި ރިސޯޓުގައި 54 ވިލާ ހުންނާނެ އެވެ. މީގެ ތެރޭގައި އަމިއްލަ ރަށެއްގައި ހުންނަ ވަކި ވިލާއެއް ހިމެނެ އެވެ. މިއީ މަތީ ފަންތީގެ ކެއުންތަކަށް ހާއްސަ ރިސޯޓެކެވެ.
މެންޑަރިން އޮރިއެންޓަލް މޯލްޑިވްސް - މާލެ އަތޮޅުގެ ދެކުނުގައި 3 ރަށެއް ގުޅުވާލައިގެން ހަދާ މި ރިސޯޓަކީ އެއާޕޯޓުން ލޯންޗެއްގައި 20 މިނެޓުން ދެވޭ ތަނެކެވެ. މިތަނުގައި އިންޑިއާ ކަނޑުގެ އެންމެ ބޮޑު އެއް ސްޕާ ކޮމްޕްލެކްސް ހުންނާނެ އެވެ.
މޮންޑްރިއަން މޯލްޑިވްސް - ނޫނު އަތޮޅުގައި ހަދާ މި ރިސޯޓު ހާއްސަވާނީ އެކަނިވެރިކަމުގެ ބަދަލުގައި، މީހުން އެއްވެ އުޅޭ މަޖާ އަދި އިޖުތިމާއީ މާހައުލަކަށެވެ.
މެލިއާ ވޭލް ލެގޫން - އަރި އަތޮޅުގައި ހަދާ މި ރިސޯޓަކީ ފެތުމާއި ފީނުމުގެ އިތުރުން ފެންމާ މިޔަރު ބަލަން ބޭނުންވާ މީހުންނަށް ވަރަށް ހާއްސަ ތަނެކެވެ.
ރަށް ގިލި މޯލްޑިވްސް - ދާދިފަހުން ހުޅުވުނު މި ރިސޯޓަކީ ދިވެހި ސަގާފަތާއި އަމިއްލަވަންތަ ކަމަށް ބުރަވެގެން ހަދާފައިވާ ތަނެކެވެ. މިތަން އޮންނަނީ ކަނޑުމަހުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ކައިރީގަ އެވެ.
ޑޮން މާގަ މޯލްޑިވްސް - މިއީ ރާއްޖޭގައި ހަދާ އެންމެ ބޮޑެތި ވޯޓާ ވިލާތައް ހިމެނޭ ތަނެކެވެ. މީގެ ތެރޭގައި 10,000 އަކަފޫޓުގެ ބޮޑު ވިލާއެއް ހިމެނެ އެވެ.
ވާގަލި މޯލްޑިވްސް - ދެކުނު މާލެ އަތޮޅުގައި ހަދާ މި ކުޑަ ބޫޓީކް ރިސޯޓު ހުޅުވޭނީ 2026 ގެ ފަހުކޮޅުގައެވެ. މިއީ ސިއްހަތާއި ދުޅަހެޔޮކަމަށް ޚާއްސަ ތަނެކެވެ.
އައުރާ މޯލްޑިވްސް ރިސޯޓް - މިއީ ބާ އަތޮޅުގެ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި ހަދާ މި ރިސޯޓެކެވެ.
މީގެ އިތުރުން ކެންގޯކުމާ ފަރުމާކޮށްފައިވާ ރޯޒްވުޑް ރަންފަރު އަދި ހަޔަޓް ރީޖެންސީ ޑިޒައިންކޮށްފައިވާ ކަޕެއްލާ މޯލްޑިވްސް އަންނަ އަހަރު ހުޅުވޭނެ އެވެ. އަދި އެންމެ އަގުބޮޑުވާނެ ކަމަށް ބެލެވޭ އަމާން މޯލްޑިވްސް އެންމަޑިއެއްގެ ބައްޓަމަށް ހަދާ ކޮރިންތިއާ މޯލްޑިވްސް އަދި ވޯޓާޕާކަކާއި އެކުއޭރިއަމް ހިމެނޭ ބޮޑު އެޓްލާންޓިސް ދަ ރޯޔަލް މޯލްޑިވްސް 2028 އަދި 2029 ގައި ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓް އެކުލަވާލާ ފޯބްސްގައި ޖަނާއާ ހަވާލާދީ ބުނެފައިވާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓް ކުރުން އޮންނަނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ފުރިހަމަ އަށް ތަރުތީބު ކުރެވިފަ އެވެ.
"ރަށްތައް ކުއްޔަށް ދޫކުރުމުގެ ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން ނިންމާލަދޭ ތަނަކީ މިނިސްޓްރީ އޮފް ޓޫރިޒަމް،" ޖަނާހު ކިޔައިދެއްވި އެވެ.
"ދިވެހިރާއްޖެއިން ބިމުގެ ފުރިހަމަ މިލްކުވެރިކަމެއް ނުލިބޭނެ. ހުރިހާ މަޝްރޫއު ތަކެއް ވެސް ހިންގަނީ ކުލީގެ އުސޫލުން. ފުރަތަމަ ފަށާނީ 50 އަހަރުގެ ކުއްޔަކުން،. އޭގެ ފަހުން އިތުރު 49 އަހަރަށް މުއްދަތު އިތުރުކުރެވިދާނެ. އެހެންވީމާ ޖުމްލަ 99 އަހަރާ ހަމައަށް އެ ކުލީގެ މުއްދަތު ދެމެހެއްޓިދާނެ."
ޖަނާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ތަރައްގީކޮށްފައިވާ ބްރޭންޑަޑް ރެސިޑެންސްތަކުގެ ސަބަބުން، ރާއްޖެއަކީ މީހުން އެއްފަހަރު ޒިޔާރަތްކޮށްލާ ތަނެއްގެ ބަދަލުގައި،ތަކުރާރުކޮށް އަންނަ އަދި އެތަނަކާ މެދު އަމިއްލަ ގުޅުމެއް އިހުސާސްކުރެވޭ މަންޒިލަކަށް ވަނީ ވެފަ އެވެ. އަދި މީގެ ދެ އަހަރު ކުރިން ސަރުކާރުން ގެނައި ބަދަލާއެކު އައި އައު ގާނޫނުތަކުގެ ސަބަބުން، ހަމައެކަނި މުޅި ރިސޯޓު އެކީގައި ހިންގުމުގެ ބަދަލުގައި ވަކިވަކި ވިލާތައް އަމިއްލަ މީހުންނށް ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ހުޅުވިފައިވާކަން ޖަނާ ފާހަގަ ކުރެއްވި އެވެ.