"އެއްވެސް ސަބަބަކާ ހުރެ، އެއްވެސް ބޭފުޅެއް އެމްޑީޕީ ދޫކޮށްލާކަށް އަޅުގަނޑު ކުޑަކޮށްވެސް ނޭދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އެއްވެސް މީހަކު އެއްވެސް ސަބަބަކާހުރެ އެމްޑީޕީއިން ވަކިވެގެން ދިއުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، އަމާޒަކީ ޕާޓީއަށް އެއް ލައްކަ މެންބަރުން ހަމަކުރުން ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު މިއަދު އެކްސްގައި ޕޯސްޓު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެމްޑީޕީން އެންމެ މެންބަރަކު ވަކިވުމަކީވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ، އުއްމީދަކީ އެއް ލައްކައަށް ވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭތިއްބުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިންނާއި، އިންތިހާބަށްފަހު ވެސް އެމްޑީޕީގެ މެންބަރުންގެ އަދަދު މާ ބޮޑަށް އިތުރުވާނެ ކަމަށެވެ.
"އެއްވެސް ސަބަބަކާ ހުރެ، އެއްވެސް ބޭފުޅެއް އެމްޑީޕީ ދޫކޮށްލާކަށް އަޅުގަނޑު ކުޑަކޮށްވެސް ނޭދޭނަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ގިނަ ބަޔަކު ވަކިވީ، ނަޝީދު އެ ޕާޓީ ދޫކުރައްވައި ވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި ހިސާބުންނެވެ. މީގެ ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިވަގުތު ތިބީ 43،784 މެންބަރުންނެވެ.
މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގަ އެވެ. އެ ޕާޓީގައި 74،048 މެންބަރު އެބަ ތިއްބެވެ.