އެގޮތުން ހައްޖުމަސް ފެށުމާއެކު އެމަހުގެ ތޭރަވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއް ކަމަށާއި، އީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އީދު ހުތުބާގައި ގޮވާލައިފި އެވެ.
މިއަދު ކުރި އީދު ނަމާދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ އަޟުހާ އީދު ދުވަހުގެ މާތް ކަމުގެ މައްޗަށެވެ.
ހުތުބާގައި ބުނީ މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށާއި، އީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ.
އެގޮތުން ހައްޖުމަސް ފެށުމާއެކު އެމަހުގެ ތޭރަވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
"އީދު ދުވަހަކީ މުޅިއަހަރުގައި ވެސް އަންނާނެ އެންމެ މާތް ދުވަސްކަމަށް ބައެއް އިލްމުވެރީން ދެކެވަޑައިގަންނަވައެވެ. މާތް ނަބިއްޔާ z ހަދީޘްކުރައްވައިފައި ވެއެވެ. (إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ -تَبَارَكَ وَتَعَالَى- يَوْمُ النَّحْرِ، ثُـمَّ يَوْمُ الْقَرِّ) މާނައީ: 'ހަމަކަށަވަރުން މާތް ﷲގެ ހަޟުރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަހަކީ އީދު ދުވަހެވެ. ދެން އެޔާ ޖެހުނު ދުވަހެވެ.'" ހުތުބާގައިވެ އެވެ.
މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާއެކު ވެސް އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ކަމަށާއި، ނަމަވެސް ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާން ޖެހޭނެކަން ހުތުބާގައި ބުނެފައިވެ އެވެ.
"އަދި އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! އީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ." ހުތުބާގައިވެ އެވެ.
ހުތުބާގައި، އަޟުހާ އީދުގައި ކަތިލެވޭ އުޟްހިޔާއިން މާތް ﷲގެ ހަލީލު އިބްރާހީމު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލު ޢަލައިހިއްސަލާމު ވެވަޑައިގަތް ގުރުބާނީގެ މަތީން ހަނދާންއާކޮށްދޭކަން ފާހަގަކޮށްފައިވެ އެވެ. އަދި އުޟުހިޔާ ކަތިލުމަކީ އިބުރާހީމު އަލައިހިއްސަލާމުގެ މިއްލަތުގައި އަޅުކަމަކަށްވީ ފަދައިން، އިސްލާމީ ޝަރީއަތުގައި ވެސް އެ ކަން ވަނީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވާފައިވާކަންވެސް ހަނދުމަކޮށްދިނެވެ.
ހުތުބާގައި އިތުރަށް ބުނީ އީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެއް ކަމަށެވެ. ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަހުންނާއި އުހުތުންނަށް އީދުގެ ތަހުނިޔާކިޔައި، އީދުގެ އުފަލުގައި އެ އަހުންނާއި އުހުތުން ވެސް ބައިވެރިކުރަން ހުތުބާގައި ވަނީ ބާރުއަޅާފަ އެވެ.