"އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް އިލްތިމާސްކުރަން"

އީދުގެ ކުޅިވަރުތައް ކުޅެ އުފާފާޅުކުރާއިރު، އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައި ދިވެހިންގެ އާދަކާދައާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އީދުގެ ތަހުނިޔާ ފޮނުއްވައި މިރޭ ނެރުއްވި ހިތޯބުގައި ރައީސް ވިދާޅުވީ އަޟްހާ އީދަކީ މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށެވެ. އަދި މާތްވެގެންވާ އަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒު ކަމަށެވެ.
ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި އީދުން ދަސްކޮށްދޭކަން އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި މި އީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށާއި، އީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުން ކަމުގައިވެސް ރައީސް ހަނދުމަ ކޮށްދެއްވި އެވެ.
"އެހެންކަމުން، އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުމަށް ދުއާ ކުރައްވާ ކަމަށެވެ.
ރައީސްގެ ހިތޯބު ނިންމަވައިލެއްވީ މި އީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިއުމާއި، ދިވެހި ގައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުއާ ދަންނަވަމުންނެވެ.