އަނަސް ވިދާޅުވީ މި ފިހާރައާއެކު، ހުޅުމީދޫގައި މިފްކޯއިން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް، ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫ ސިޓީ، ހިތަދޫގައި މަސްފިހާރައެއް ހުޅުވައިފި އެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުއްވައިދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވީ އައްޑޫ ސިޓީއަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތާއި އަދި މިފްކޯއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ސިޓީއެއް ކަމަށެވެ.
އެހެންކަމުން މާލެ ސަރަހައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫގައި ހުޅުވިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އަނަސް ވިދާޅުވީ މި ފިހާރައާއެކު، ހުޅުމީދޫގައި މިފްކޯއިން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް، ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިފްކޯއިން ހުޅުވި މަސްފިހާރައަކީ މާލެ ސަރަހައްދުން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރަ އެވެ. މި ފިހާރަ ހުންނަނީ އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށް ވާގޮތަށެވެ. މިހާރު މި ފިހާރައިން މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.