ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން އެމްޕީއެލްގެ ހިދުމަތްތައް މެދުކަނޑާލަނީ

އެ ކުންފުނިން ބުނީ މި ބަދަލު ގެނައިނަމަވެސް ބަންދު ދުވަސްތަކުގެ ތެރޭގައިވެސް، ކޮންމެހެން ދޭންޖެހޭ ކުއްލި އަދި ޒަރޫރީ ހިދުމަތްތަކާއި އަވަހަށް ހަލާކުވާޒާތުގެ މުދާ ހިމެނޭ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ.

މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއަ ކުރަނީ -- އެމްޕީއެލް

މިއަދާއި މާދަމާ މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެމްޕީއެލްއިން ދޭ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް ހިމެނޭހެން، ކާގޯ ކްލިއަރެންސްގެ މަސައްކަތްތަކާއި ބޯޓު ފަހަރުން މުދާ ބޭލުމާއި ބަރުކުރުމުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ހިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައިވާ މި ދެ ދުވަހު މުޅި ސައިޓުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އެއްކޮށް ބަންދުވާނެ ކަމަށެވެ.

އީދު ބަންދަށްފަހު ބަނދަރުގެ އޮޕަރޭޝަންތައް އަލުން ރަސްމީކޮށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 28 މޭ 2026 (ބުރާސްފަތި) ވިލޭރޭގެ 07:30 ގައެވެ. އެ ވަގުތުން ފެށިގެން މުދާ ކްލިއާ ކުރުމާއި، ބޯޓުފަހަރަށް ހިދުމަތް ދިނުމުގެ އެންމެހައި މަސައްކަތްތައް އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ބަދަލު އައިނަމަވެސް އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި، ބަންދު ދުވަސްތަކުގެ ތެރޭގައިވެސް، ކޮންމެހެން ދޭންޖެހޭ ކުއްލި އަދި ޒަރޫރީ ހިދުމަތްތަކާއި، ޕެރިޝަބަލް (އަވަހަށް ހަލާކުވާޒާތުގެ) މުދާ ހިމެނޭ ބޯޓުފަހަރަށް ހިދުމަތް ދިނުމުގައި ހާއްސަ އިސްކަމެއް ދީގެން އޮޕަރޭޝަންތައް ކުރިއަށްދާނެ އެވެ. 

އަދި އެ ކުންފުނިން ވަނީ ބަނދަރުގެ ހިދުމަތް ހޯދާ އެންމެހައި ވިޔަފާރިވެރިންނާއި އެޖެންޓުން މި ވަގުތުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެމްޕީއެލް އިން އެންމެފަހުން އާއްމުކުރި މިދިޔަ ހަފުތާގައި މުދާ ކްލިއަކުރި ހިސާބުތައް ދައްކާ ގޮތުން މަހުން މަހަށް މާލެ ވިޔަފާރި ބަނދަރަށް ކްލިއަ ކުރާ މުދަލުގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މި މުއްދަތުގައި އެންމެ ގިނައިން މުދާ ކްލިއަކޮށްފައިވަނީ ކޮންޓޭނަރު އުޅަނދުތަކުންނެވެ. އެގޮތުން ކޮންޓޭނަރު އުޅަނދުތަކުން 37,685.12 ފްރެއިޓް ޓަނުގެ މުދާ ކްލިއަކޮށް ދޫކޮށްފައިވާއިރު ޖެނެރަލް ކާގޯ އުޅަނދުތަކުން ދޫކޮށްފައިވަނީ 3,626.79 ފްރެއިޓް ޓަނުގެ މުދަލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.