އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން އަރަފާތަށް ވަދެފައިވާ ކަމަށެވެ. ނާދެވުނު މީހާ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ދަނީ ފަރުވާ ދެވެމުންނެވެ.

ބަލިހާލަތު ހުރިގޮތުން ދިވެހި އެއް ހައްޖުވެރިއެއް ފިޔަވައި ހުރިހާ ހައްޖުވެރިން ހެޔޮ ހާލުގައި އަރަފާތު ބިމަށް ގޮސްފި އެވެ.
ހައްޖުގެ މާތް އަޅުކަމަށް ގޮސްތިބި ދެ މިލިއަނެއްހާ ހައްޖާޖީން މިއަދު ވަނީ ހައްޖުގެ އެންމެ މުހިންމު ދުވަސް ކަމަށްވާ އަރަފާތު ދުވަހު، އަރަފާތު ބިމަށް ޖަމާވެފަ އެވެ.
ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ރޭ ދަތުރުފަށާފައި ވަނީ ރާއްޖެ ގަޑިން ގާތްގަނޑަކަށް 11 ޖަހާކަށްހާއިރު އެވެ. އަދި ފަތިހަށް އެމީހުންނަށް ވަނީ އަރަފާތު ބިމަށް ދެވިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން އަރަފާތަށް ވަދެފައިވާ ކަމަށެވެ. ނާދެވުނު މީހާ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ދަނީ ފަރުވާ ދެވެމުންނެވެ.
"އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު،" ޝަހީމް ވިދާޅުވި އެވެ.
އަރަފާތު ބިމަށް އެއްވެ ހައްޖާޖީން ފުއްސެވުމާއި ދިންނެވުން ދެއްވުން އެދި މާތްﷲ އަށް ދުއާ ކުރާނެ އެވެ. މި ބިމަށް ހުރިހާ މުސްލިމުން އެއްވެ ތިބޭ ދުވަސްތަކުގައި ފެނިގެންދާނީ އިންސާނީ ހަމަހަމަ ކަމެވެ. މިއީ ވެރިއެއް އާއްމު ރައްޔިތެއް ތަފާތެއް ނެތް ބިމެކެވެ.
އަރަފާތުގައި ތިބޭ ވަގުތު އެންމެ ހާއްސަ އެއް ކަމަކީ މެންދުރު ވަގުތު އިއްވޭ ހައްޖު ހުތުބާ އެވެ. ދިވެހި ބަހުން ހުތުބާ ދެއްވާނީ ޝެއިހު އިލްޔާސް ހުސެއިން އެވެ.
ދިވެހި ހައްޖާޖީން މި ފަހަރު ވެސް މައްކާ ރޫޓުން ހައްޖަށް ގޮސްފައިވާއިރު، މިއީ ސައޫދީ އަރަބިއްޔާ އިން ހާއްސަ އިންތިޒާމުތަކަކާއެކު ހައްޖުގެ އަޅުކަން އަދާކުވޭ ގޮތަށް ހަމަޖައްސާފައިވާ ރޫޓެކެވެ.