
މާލޭން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާތީ، އޭގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:30 ހާއިރު މާލެއިން ތޮއްޑޫއަށް ދަތުރުކުރަމުންދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ.
އެހެންވެ، އޭގައި ދަތުރުކުރި 25 މީހުން ވެސް ރައްކާތެރިކަމާ އެކު މާލެއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ވަރަށް ގޯސް ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުންޏެވެ. އަދި ހަފުތާގެ ބާކީ އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ކަނޑު ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.
އެގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން މިއަދު ވެސް ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.
އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރަމުންދާތީ، މޫސުމަށް ސަމާލުކަން ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.