އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމާއެކު ފެށި ކޮނުމުގެ މަސައްކަތުން މިހާތަނަށް 390 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

ލާއިންސާނީ އިސްރާއިލް ސިފައިން ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގި ގައްޒާގެ ސަރަހަދަކުން އަތް ބަނދެ ޝަހީދުކޮށްފައިވާ ތުއްތުކުދިންގެ ހަށިތަކެއް ފެނިއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އެހެން ގައުމުތަކަށް ކިޔައިދޭ، ހުޅަނގުގެ މީޑިއާތަކުން ކަވަރުނުކޮށް ދޫކޮށްފައިވާ މި ޖަރީމާގެ ވާހަކަތައް ވަނީ ފަލަސްތީނާއި އެހެން ބައެއް ގައުމުތުގެ މީޑިއާތަކުން ގެނެސްދީފަ އެވެ.
އެ ހަބަރުތަކުގައިވާ ގޮތުން ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލްގެ ގޯތިތެރެއިން ފެނުނު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މާސް ގްރޭވް ނުވަތަ ގިނަ އަދަދެއްގެ މީހުން އެކުގަައި ވަޅުލާފައިވާ ވަޅުތަކުން ޕްލާސްޓިކް ޒިޕް-ޓައިއިން އަތްބަނދެފައިވާ ހާލަތުގައި ތިބި ކުޑަކުދިންނާއި ތުއްތު ކުދިންގެ ހަށިތައް ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ނަގާފަ އެވ.
އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފޭބުމާއެކު ފެށި ކޮނުމުގެ މަސައްކަތުން މިހާތަނަށް 390 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ސިވިލް ޑިފެންސްގެ އިސް އޮފިޝަލެއް ކަމަށްވާ ޑރ. މުޙައްމަދު އަލް-މުޣައިރު ކަށަވަރުކޮށްދެއްވި ގޮތުގައި، މިގޮތަށް ފެނުނު ހަށިތަކުގެ ތެރެއިން 78 އަކީ ކުޑަކުދިންގެ ހަށިތަކެވެ.
ރެސްކިއު ޓީމުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފެނުނު ބައެއް ހަށިތަކުގެ ބޮލަށް ބަޑިޖަހާފައި ހުރިއިރު، މިއީ އެއްވެސް ޝަރީއަތަކާ ނުލައި ކުއްލި ގޮތަކަށް މީހުން މަރާލުން ނުވަތަ ގާނޫނާ ހިލާފަށް މީހުން މެރުމުގެ އަމަލުތައް ހިންގާފައިވާކަމުގެ ހެއްކެކެވެ. މީގެ އިތުރުން، ބައެއް ބަލި މީހުން ވަޅުލާފައިވާކަމުގެ ހެކިވެސް ވަނީ ފެނިފަ އެވެ.
ޖެނީވާގެ ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓާއިން ހާމަކޮށްފައިވާ ގޮތުގައި 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް ޣައްޒާގެ އެކި ހިސާބުތަކުން، ހޮސްޕިޓަލްތަކާއި، ސުކޫލްތަކާއި، މިސްކިތްތަކުގެ ގޯތިތެރެއިން، 130 އަށްވުރެ ގިނަ މާސް ގްރޭވް ވަނީ ފާހަގަކުރެވިފަ އެވެ.
އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކަރ ތުރުކް މި ހޯދުންތަކ ސިފަކުރެއްވީ "ބިރުވެރި އަދި ހިތްނުތަނަވަސްކުރުވަނިވި" ކަމެއްގެ ގޮތުގައެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ މި ހާދިސާ ހިނގާދިޔަ ގޮތް ހޯދުމަށް މިނިވަން، ދެފުށް ފެންނަ ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. ނަމަވެސް، މިހާތަނަށް ބައިނަލްއަގުވާމީ ފޮރެންސިކް ތަހުގީގު ޓީމަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ އެއްވެސް ފަރާތަކުން ދީފައެއް ނުވެ އެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން މި ތުހުމަތުތައް ދޮގުކޮށް ބުނެފައިވަނީ، އެ މީހުން ބެލީ ހަމައެކަނި ރަހީނުން ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރިން ވަޅުލާފައި ތިބި ގަބުރުތައް ކަމަށެވެ.