"ސޯބެ އޮތީ އައްޑޫއަށް ވަރަށް ބޮޑަށް އިހުމާލުވެފައި، ޒިންމާ ނަގަން ޖެހޭނެ"

"އެހެން ނަމަވެސް ރައްޔިތުން ވިދާޅުވީ ހޯހޯއޭ، ފުދިއްޖެއޭ، އަބްދުﷲ ސޯދިގަށް ފުދިއްޖެއޭ، އެމްޑީޕީން ވިޔަސް ދެން އެހެން ބޭފުޅެކޭ،" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް --

އައްޑޫ ސިޓީގެ މޭޔަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގައި ހުންނަވައިގެން އަބްދުﷲ ސޯދިގު (ސޯބެ) އެއްވެސް ތަރައްގީއެއް ގެނެސްދެއްވާފައި ނުވާ ކަމަށާއި، ވެފައި ވަނީ ހުސް އިހުމާލު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ އެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސޯބެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޝިޔާމް ވިދާޅުވީ އެ ސިޓީގެ ފުރަތަމަ މޭޔަރުގެ ހައިސިއްޔަތުން 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަން ރައްޔިތުން ފުރުސަތު ދެއްވި ކަމަށާއި، ނަމަވެސް އައްޑޫ ސިޓީއަށާއި ވަކިން ހާއްސަކޮށް ހިތަދޫއަށް ސޯބެ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

"އެހެން ނަމަވެސް ރައްޔިތުން ވިދާޅުވީ ހޯހޯއޭ، ފުދިއްޖެއޭ، އަބްދުﷲ ސޯދިގަށް ފުދިއްޖެއޭ، އެމްޑީޕީން ވިޔަސް ދެން އެހެން ބޭފުޅެކޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ 2021 ވަނަ އަހަރު ވެސް އެމްޑީޕީގެ ޓިކެޓުގައި މޭޔަރުގެ ގޮނޑިއަށް ސޯބެ އަލުން ވާދަކުރެއްވި ކަމަށާއި ނަމަވެސް އެ ފަހަރު އެމްޑީޕީގެ ތެރެއިން ވެސް އޭނާއަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން އެބަޖެހޭ ވަށައި ބަލައިލަން މި ދާއިރާގެ ކަންކަން ހުރި ގޮތް. އުމްރާނީ ތަރައްގީގެ ކަންކަން ހުރިގޮތް، އިޖުތިމާއީ ތަރައްގީގެ ކަންކަން ހުރިގޮތް، އިގްތިސޯދީ ތަރައްގީގެ ކަންކަން ހުރިގޮތް. ވަރަށް ބޮޑަށް އިހުމާލުވެފައި މި އޮތީ. މި ސިޓީއަށް، މި ދާއިރާއަށް ވަކިން ހާއްސަކޮށް މި އިހުމާލުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ އަބްދުﷲ ސޯދިގު" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސޯބެއަކީ ދެންވެސް އެ ދާއިރާއަށާއި އެ ސިޓީއަށް އެއްވެސް ކަމެއް ކޮށްދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ ކުރިމަތިލަގެން އުޅެނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާއަށް ފުރަތަމަ ހޮވުނު ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަންއަށް ހުޅުވައިލުމުން ދެވަނަ ފަހަރަށް ޕީއެންސީގެ ޓިކެޓު ސިނާން ކާމިޔާބު ކުރި ނަމަވެސް އޭނާ ވަނީ އޭނާއާ ވާދަކުރި އަހުމަދު ސައީދަށް ތާއީދުކޮށް ނަން އަނބުރާ ގެންގޮސްފަ އެވެ. އެމްޑީޕީގެ ފަރާތުން އެ ގޮނޑިއަށް ކުރިމަތިލީ ސޯބެ އެކަންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.