މި ސްކީމުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
އެކި ފަހަރުމަތިން އެ މުއްދަތު އިތުރުކުރަމުން އައިސް، އެންމެ ފަހުން އިތުރުކުރި މުއްދަތު ހަމަވާން އޮތީ މި މަހުގެ ނިޔަލަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ބޮޑު އީދަކީ ގިނަ ބަޔަކު އާއިލާއާ އެކު ޗުއްޓީ އަށް ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި ވުމާ އެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ދަތިވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.
"ވީމާ، މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
މި ސްކީމުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.
ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ. އެ ކެޓެގަރީތަކުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިން އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް ފްލެޓް ހާއްސަކޮށްފައިވެ އެވެ.
މި ސްކީމުން ގޯތި ލިބޭނީ މާލޭގައި ރަށްވެހި ވެގެން އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ މިހުންނަށެވެ. ދެން ގޯތިދޭ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށް ވެހިންނެވެ. މި ފަރާތްތަކަށް ގޯތިދޭނީ ރަސްމާލެއިންނެވެ. މި ސްކީމުން ވެސް ފްލެޓް ލިބޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
އެގޮތުން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ނިންމާފައިވެ އެވެ.