ސަބްސިޑީ ހޭދަ % 77.8 އިތުރު | ރަތް ރޮނގު ހުރަސްކޮށްފާނެ

ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ސަބްސިޑީ އަށް ކުރި ޚަރަދު ވަނީ 2.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 993.1 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

ސްޓެލްކޯއިން ކަރަންޓު ދިނުމުގެ މަސައްކަތުގައި -- ސްޓެލްކޯ

ފިނޭންސުން ނެރޭ ހަފުތާގެ މާލީ ހިސާބުތަކުން ފާހަގަވާ ކަމެއް އެބައޮތެވެ. ދުވަހުން ދުވަހަށް މަހުން މަހަށް ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ. ހަނގުރާމައާއެކު ދައުލަތުގެ ބަޖެޓުން ތެލުގެ ސަބްސިޑީއަށް ކުރާ ހަަރަދު ބޮޑުތަނުން މަތިވަމުންދާ ކަމަށް ދައްކަ އެވެ. އެންމެފަހުން ނެރުނު ހިސާބުތައް ދައްކާ ގޮތުން ސަބްސިޑީގެ ހޭދަ ވަނީ % 77.8 މައްޗަށް އުފުލިފަ އެވެ. 

ފިނޭންސުން ހަފުތާއަކު އެއްފަހަރު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ސަބްސިޑީ އަށް ކުރި ޚަރަދު ވަނީ 2.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 993.1 މިލިއަން ރުފިޔާ ނުވަތަ % 77.8 ގެ އިތުރުވުމެކެވެ. 

ސަބްސިޑީގެ ހޭދަ މިވަރަށް އިތުރުވެފައިވަނީ ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދައި، ތެލުގެ އަގު ހެޔޮކޮށް ރައްޔިތުންނަށް ވިއްކަން ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކުގެ ސަބަބުންނެވެ.  މިގޮތުން ސަރުކާރުން ދަނީ މަސްވެރިންނާއި އާއްމު ގޭބިސީތަކުގެ ކަރަންޓު ބިލްތަކަށް އަދި ޓްރާންސްޕޯޓް ސެކްޓާގެ އަގު މަތިވިޔަ ނުދިނުމަށްވެސް ސަބްސިޑީ ދެމުންނެވެ. މީގެ އިތުރުން މި ބަޔަކަށް އެންމެފަހުން އިތުރުވެފައިވަނީ އެއާލައިންތަކެވެ. ރާއްޖެ އަށް ގިނަ އެއާލައިން ގެނެސް ޓޫރިސްޓުން އިތުރު ކުރަން ބަޖެޓުން ދާދިފަހުން ވަނީ ޖެޓްފިއުލްއަށްވެސް ޑިސްކައުންޓް ދީފަ އެވެ. 

މި ބަދަލާއެކު ތަފާސް ހިސާބުތަކުން ދައްކަނީ މި އަހަރަކީ މިފަހުގެ ތާރީހެއްގައި ސަބްސިޑީއަށް ކުރާ ހަރަދު އެންމެ މަތިވެގެންދާނެ އަހަރަށްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން 2015 - 2019 ކޮވިޑުގެ ކުރީގައި ސަބްސިޑީގެ ގޮތުގައި އަހަރަކު އެވްރެޖްކޮށް ހޭދަކޮށްފައިވަނީ 1.5 ބިލިއަން އާއި 2.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މައިގަނޑު ގޮތެއްގައި ހޭދަ ހިނގާފައިވަނީ ކާޑުގެ ބާވަތްތަކާއި، ކަރަންޓު އަދި ތެލުގެ ސަބްސިޑީ އަށެވެ. ނަމަވެސް 2023 - 2024 ވެފައިވަނީ ސަބްސިޑީގެ ހޭދަ މިފަހުން އެންމެ މަތިވި ދެ އަހަރަށެވެ. މި ދެ އަހަރު އަހަރެއްގެ މައްޗަށް ތިން ބިލިއަނާއި 4.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ސަބްސިޑީ އަށް އެކަނި ހޭދަކުރަން ޖެހުނެވެ. މީގެ ތެރޭގައި ފިއުލް ސަބްސިޑީގެ ގޮތުގައި އެސްޓީއޯ އަށް ދިން ސަބްސިޑީއާއި ފެނާއި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ދޫކުރި ސަބްސިޑީ ހިމެނެ އެވެ. 

ރާއްޖޭގައި ދޭ ސަބްސިޑީގެ ބާވަތްތައް

ތެލުގެ ސަބްސިޑީ - ދުނިޔޭގެ ބާޒާރުން ތެޔޮ ގަންނަ އަގު މަތިވި ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަކިވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއަށް ދޭ ސަބްސިޑީއެވެ. މިއީ ފާއިތުވި 10 އަހަރުވެސް ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގި ސަބްސިޑީއެވެ.

ކަރަންޓު ސަބްސިޑީ - އަތޮޅުތެރެއާއި މާލޭ ސަރަހައްދުގައި ކަރަންޓުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށާއި ފިއުލް ސަބްސިޑީގެ އިތުރުން ޔުޓިލިޓީ ކުންފުނިތަކަށް ދޭ ފައިސާއެވެ.

ކާޑުގެ ސަބްސިޑީ -  ހަނޑޫ، ހަކުރު، އަދި ފުށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދޭ ސަބްސިޑީއެވެ.


އާސަންދަ -  މިއީ ސީދާ ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ނުހިމެނުނަސް، "ވެލްފެއާ އެންޑް ސަބްސިޑީ" ކެޓަގަރީގެ ދަށުން ދައުލަތުން ކުރާ އެންމެ ބޮޑު ހޭދައެވެ. ފާއިތުވި 10 އަހަރު އާސަންދައިގެ ހޭދަ ވަނީ އަހަރަކު 1 ބިލިއަން ރުފިޔާއިން ފެށިގެން ގޮސް، ބައެއް އަހަރުތަކުގައި 2 ބިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ސަބްސިޑީ އިތުރުވުމަކީ ދުނިޔޭގެ މާލީ އިދާރާތަކުން އަބަދުވެސް ކަންބޮޑުވުން އޮންނަ ކަމެކެވެ. ވޯލްޑް ބޭންކް އާއި  އައިއެމްއެފް ފަދަ އިދާރާތަކުން ފާއިތުވި ދިހަ އަހަރު ތަކުރާރުކޮށް ރާއްޖެއަށް ދެމުން އައި އިރުޝާދަކީ، ތަނަވަސްމީހާއަށާއި ފަގީރުމީހާއަށް އެއް ހަމައެއްގައި ސަބްސިޑީ ދިނުމުގެ ބަދަލުގައި އެހީ އެންމެ ބޭނުންވާ މީހާއަށް ސީދާ ނަގުދު ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުމަށެވެ. މިއީ ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.