ޖޭއެސްސީގައި ރައީސް އައްޔަނު ކުރާ މެންބަރެއްގެ ހައިސިއްޔަތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރެއްވީ ދަފްތަރު ނަންބަރު 535، އަލީ ނަސީރު ގާސިމް އެވެ.

ޖޭއެސްސީގައި ރައީސް އައްޔަނު ކުރާ މެންބަރެއްގެ ހައިސިއްޔަތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރެއްވީ ދަފްތަރު ނަންބަރު 535، އަލީ ނަސީރު ގާސިމް އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަސީރަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އެވެ. ހުވާ ކުރުމަށްފަހު އޭނާ ވަނީ ޖޭއެސްސީގެ މެންބަރު ކަމުގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.
އެކޮމިޝަނަށް ރައީސްގެ މެންބަރެއްގެ ގޮތުގައި ބޭފުޅަކު އައްޔަނު ކުރެއްވީ، އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވާ ގުޅިގެންނެވެ. އޭނާ ހުންނެވީ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގަ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ ރައީސް އައްޔަންކުރައްވާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރެވޭ ފަނޑިޔާރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީސް މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެކެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރެވޭ ވަކީލަކު ހިމެނޭހެން ޖުމްލަ 10 މެންބަރުން އެ ކޮމިޝަންގައި ތިއްބަވަ އެވެ.