ފުލުހުން މިރޭ ބުނީ މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ވ. އަތޮޅުގެ އަލިމަތާ ކައިރީގައި އޮންނަ ކަނޑުމިޔަރު ކަނޑުހޮހޮޅައަށް ޑައިވްކުރި ޓޫރިސްޓުންތަކެއް ގެއްލިގެން ހޯދަން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް، މުހައްމަދު މަހުދީ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ހޮހޮޅައަށް ޑައިވްކުރި އިޓަލީގެ ޓޫރިސްޓުން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން މަހުދީ ނިޔާވެފައި ވަނީ ޑައިވްކުރަނިކޮށް ޑިކޯ ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހު އެވެ.
ރަސްމީ އިއްޒަތުގައި މަހުދީގެ ޖަނާޒާ ހަމަ އެރޭ ވަނީ ބާއްވާފަ އެވެ.
ފުލުހުން މިރޭ ބުނީ މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މަހުދީ ނިޔާވުމާއެކު އެ އޮޕަރޭޝަން މަޑު ޖައްސައިލުމަށްފަހު އަލުން ކުރިއަށް ގެންގޮސްފައި ވަނީ އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑްގެ އެކްސްޕާޓް ޑައިވަރުންނާއެކު އެވެ. އިއްޔެ އާއި މިއަދު އެމީހުން ވަނީ ހޮހޮޅައިގައި ތާށިވެފައިވާ މީހުންގެ ހަށިތައް ނަގައިފަ އެވެ.
ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ މި ކަނޑުހޮހޮޅަ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ފީނި ސަބަބެއް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ.