މިއަދު ޑައިވްކޮށް އިތުރު ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާނެ އެވެ. މީގެތެރޭގައި ޕްރޮފެސަރުގެ 20 އަހަރުގެ އަންހެން ދަރިފުޅުގެ ހަށިގަނޑުވެސް ހިމެނެ އެވެ.

ވ. އަލިމަތާ ކައިރީ ޑައިވިން ކުރާ ދެކުނު ކަނޑު ކޭވްގައި މަރުވެފައިވާ ފަސް ޓޫރިސްޓުންގެ ތެރެއިން އިއްޔެ މައްޗަށް ނަގާފައިވަނީ އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އިތުރު ފިރިހެއްގެ ހަށިގަނޑެވެ.
ދުނިޔޭގެ ސަމާލުކަން އިންތިހާ އަށް ލިބިގެން ގޮސްފައިވާ ދެކުނު ކަނޑު ކަނޑުހޮހޮޅަގައި މަރުވެފައިވާ އިޓަލީގެ ޓޫރިސްޓުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަނީ ދިވެހި ސަރުކާރުން އެދިގެން އިޓަލީ ސަރުކާރުން ހަމަޖައްސައިދިން ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާއި ދިވެހި ސިފައިން ގުޅިގެންނެވެ.
ޑައިވަރުން އިއްޔެ މައްޗަށް ނަގާފައިވާ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯނޭ 51، އަކީ އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ މެރިން އިކޮލޮޖީ (ކަނޑުގެ ދިރުންތަކާ ބެހޭ) އެސޯސިއޭޓް ޕްރޮފެސަރެކެވެ. މޮންޓެފަލްކޯނޭ އަކީ ރާއްޖޭގެ ކަނޑުތަކަށް ގަވާއިދުން ފީނައި، ހާއްސަކޮށް ކަނޑުގެ ފާނަ އަދި ވިނަތަކާ ބެހޭ ދިރާސާތައް ކުރަމުން އައި މަޝްހޫރު ސައިންސްވެރިއެކެވެ.
ދެން ނަގާފައި ވަނީ ފެޑެރިކޯ ގުއަލްޓިއޭރީ 31، ގެ ހަށިގަނޑެވެ. އޭނާ އަކީ ޔުނިވާސިޓީ އޮފް ޖެނޯއާ އިން ދާދިފަހުން މާސްޓާސް ޑިގްރީ ހާސިލްލުކުރި މެރިން ބަޔޮލޮޖިސްޓެކެވެ. އޭނާގެ ތީސީސް ބިނާކޮށްފައިވަނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގެ މުރަކަތަކުގެ މައްޗަށެވެ. މީގެއިތުރުން އޭނާއަކީ ތަޖުރިބާކާރު ޑައިވިން އިންސްޓްރަކްޓަރެކެވެ.
އަދި މި ހާދިސާ ހިނގި ދުވަހު ވަނީ މި މީހުން ގޮވައިގެން ޑައިވިނަށް ދިޔަ ޑައިވިން އިންސްޓްރެކްޓަރުގެ ހަށިގަނޑު ވެސް ނަގާފަ އެވެ. އެމީހާގެ ހަށިގަނޑު ނަގާފައިވަނީ ކަނޑު ހޮހޮޅައިގެ ފުރަތަމަ ބައިން، ދިވެހި ސިފައިންނެވެ.
މި އޮޕަރޭޝަންގައި ހަރަކާތެރިވާ ޑޭން ޔޫރަޕުން ބުނީ ހަށިތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ، މަސައްކަތް ކުރެވޭނެ ވަގުތުތައް މަދުވުމާއި އިންތިހާއަށް ސަމާލުކަން ދީގެންނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެ ސަރަހައްދުގެ މާހައުލު އަދި ވެސް އޮތީ ވަރަށް ނުރައްކާތެރި އަދި ކޮމްޕްލެކްސް ހާލަތެއްގައިކަމަށް ބުނެފައިވެ އެވެ.
ޑޭން ޔޫރަޕުން ބުނީ މި ޓީމުން މަސައްކަތް ކުރަމުންދަނީ ދިވެހި ސިފައިންގެ ޑައިވަރުންނާއި އެ ސަރަހައްދުގެ މާހައުލު ވަރަށް ރަނގަޅަށް ދަންނަ، އަދި މި މިޝަން ކާމިޔާބުކުރުމުގައި އެމީހުންގެ އެހީތެރިކަން އިންތިހާ އަށް މުހިންމުވާ ދިވެހި ޑައިވަރުންނާއެކުގަ އެވެ.