"އެއީ އަޅުގަނޑުމެން އެންޑޯސްކުރާ ނޫނީ ވެރިފައިކުރާ އަދަދުތަކެއް ނޫން 500 މިލިއަން ޑޮލަރުގެ ގެއްލުމެއް މި އިންޑަސްޓްރީއަށް ވެގެން އުޅޭ ވާހަކައަކީ،" އަމީން ވިދާޅުވި އެވެ.

ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ޓޫރިޒަމް ވިޔަފާރިތަކުން ބުނެފައިވާއިރު، އެ އަދަދާ މެދު ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ސުވާލު އުފައްދަވައިފި އެވެ.
މަޓާޓޯ އާއި އެންއެޗްގޭމް އިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި، އެކަމުން އަރައިގަންނަން ސަރުކާރުން އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ގެއްލުން ކުޑަކުރުމަށް އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އަމީން ވިދާޅުވީ ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ބައެއް ފަރާތްތަކުން ބުނާތީ، އެ އަދަދު އައި ގޮތެއް ޓޫރިޒަމް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
"އެއީ އަޅުގަނޑުމެން އެންޑޯސްކުރާ ނޫނީ ވެރިފައިކުރާ އަދަދުތަކެއް ނޫން 500 މިލިއަން ޑޮލަރުގެ ގެއްލުމެއް މި އިންޑަސްޓްރީއަށް ވެގެން އުޅޭ ވާހަކައަކީ،" އަމީން ވިދާޅުވި އެވެ.
އަދި އެފަދަ ބޮޑު ގެއްލުމެއް މިހާތަނަށް ކުރިމަތިވެފައިވާ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، ސީދާ އެ އަދަދާ ގުޅުވައިގެން ޓޫރިޒަމް ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށާއި ނަމަވެސް ސަރުކާރުގެ ނިޒާމުގެ ތެރެއިން ހުރިހާ ދާއިރާއަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.