ކަރަންޓު އުފައްދަން ބޭނުންވާ ތެލަށް، ހަނގުރާމަ ފެށުމުގެ ކުރިން މަހަކަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހޭދަވިޔަސް، މިހާރު އެ އަދަދު 116 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ.

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމުގެ ހަރަދު ދެގުނައަށް ވުރެ ބޮޑުވެފައިވާކަމަށް އެންވަޔަރަމަންޓު މިނިސްޓަރު އަލީ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އަލީ ޝަރީފް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ދުވާލަކު 8،000 ފީފާ ނުވަތަ އަހަރަކަށް 2.9 މިލިޔަން ފީފާގެ ޑީސަލް ބޭނުންވާ ކަމަށެވެ.
ކަރަންޓު އުފައްދަން ބޭނުންވާ ތެލަށް، ހަނގުރާމަ ފެށުމުގެ ކުރިން މަހަކަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހޭދަވިޔަސް، މިހާރު އެ އަދަދު 116 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ.
"ވަރަށް ބޮޑު ހޭދައެއް ސަރުކާރުން އެބަކުރޭ ތެލަށް. ސަރުކާރުން ސަބްސިޑައިޒް ކޮށްގެން މިހާރުވެސް ތެޔޮ ލިބޭގޮތަށް ފޯރުކޮށްދެމުންދަނީ. ދައުލަތުގެ ބަޖެޓަށް އިންތިހާއަށް ސަބްސިޑީއަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިކަން ހައްލުކުރުމަށް ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެން ހުރި އިޔާދަ ކުރަނިވި ހަކަތައިގެ ބޭނުން ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 2028ގެ ނިޔަލަށް 33 ޕަސެންޓަށް ބަދަލުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.