"ކޮމިޝަނުގެ މި ޒިޔާރަތްތަކުގައި، އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން، ކޮމިޝަނުން ތަހުގީގު ކުރުމަށް ވަނީ ނިންމާފައި،" އެޗްއާރްސީއެމް އިން ބުންޏެވެ.

ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށްލާފައި ތިބި "އަދަދު" ނޫހުގެ ދެ ނޫސްވެރިންގެ ޝަކުވާތަކަށް ބަލައި، ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށެވެ.
އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު އަދި މުހައްމަދު ޝަހްޒާން ވަނީ ޖަލަށްލާން އަމުރުކޮށްފަ އެވެ.
އެޗްއާރްސީއެމް އިން ރޭ ބުނީ އެ ނޫސްވެރިންނާއި އެމީހުން ދޫކޮށްލުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށް ބަންދުކޮށްފައި ތިބި މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށް ހާލު ބަލާފައިވާ ކަމަށެވެ.
"ކޮމިޝަނުގެ މި ޒިޔާރަތްތަކުގައި، އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން، ކޮމިޝަނުން ތަހުގީގު ކުރުމަށް ވަނީ ނިންމާފައި،" އެޗްއާރްސީއެމް އިން ބުންޏެވެ.
ލީވާންގެ ގާނޫނީ ޓީމުން ކުރިން ބުނެފައި ވަނީ، މާފުށީ ޖަލުގައި އޭނާ ކުރިން އިން ގޮޅި ބަދަލުކޮށް، ވަކިން އެކަނި ގޮޅިއެއްގައި ބަންދުކޮށްފައިވ ކަމަށެވެ. މިހާރު ބަންދުކޮށްފައިވާ ގޮޅިއަކީ މަރުގެ މައްސަލަތަކުގައި މީހުން ބަންދުކޮށްފައިވާ ގޮޅިތަކާ ޖެހިގެން ހުރި ގޮޅިއެއް ކަމަށް ބުނެފައިވެ އެވެ.
އޭނާ އެކަހެރިކޮށް ބަންދުކޮށްފައި އިނީ ކީއްވެ ކަމެއް ނޭންގެ އެވެ.
އެ ކޯޓު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައި މިމަހުގެ 12 ވަނަ ދުވަހު ލީވާން ބަންދުކުރީ 10 ދުވަހަށެވެ. އަދި ޝަހުޒާން ބަންދުކޮށްފައި ވަނީ 15 ދުވަހަށެވެ.