ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރުން ފުރަތަމަ ކުރިޔަށް ގެންދަނީ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓާ، "މޯލްޑިވްސް އޭއައި ލެބް" އިފްތިތާހުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އެ ސެންޓަރުގެ އެންމެ ފުރަތަމަ ހަރަކާތްތައް މިއަދު ވަނީ "ކޯ.ލެބް 26" ގެ ނަމުގައި ހަރަކާތެއް ފަށައިފަ އެވެ. އެއީ އޭއައި ބޭނުންކުރުމާއި ގުޅޭގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެކެވެ.
ބީއެމްއެލް އިން ބުނީ އެ ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މަސައްކަތް ކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާ އާއި ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުން ކަމަށެވެ. އަދި ޑޭޓާގެ ތައްޔާރީތަކާއި އަމަލީ ގޮތުން އެކަން ކުރެވިދާނެ މިންވަރާއި ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައަޅާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ޕްރޮގްރާމުގެ ފަހު ދެ ދުވަހު ބާއްވަން ނިންމާފައި ވަނީ އޭއައި އާ ގުޅޭ ހެކަތަން އެކެވެ.
އެ ހެކަތަންގައި ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ "އެޕްލައިޑް އޭއައި ޓްރެކް" އާއި ބޭންކް އޮފް މޯލްޑިވްސްގެ "ސްވައިޕް އޭޕީއައި" ބޭނުންކޮށްގެން ކުރިއަށްގެންދާ "ފިންޓެކް އިނޮވޭޝަން ޓްރެކް" އެއް ކުރިޔަށް ގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.