އެމްއެމްއޭއިން ބުނީ އެމްޕީބީއަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ރައްޔިތުންނަށް މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރި

މޯލްޑިވްސް ޕްރިމިއަ ބޭންކްގެ ނަމުގައި ބޭންކް އެއް އުފައްދަން، މޯލްޑިވްސް ބޭންކް ޕްރައިވެޓް ލިމިޓެޑަށް މަރުކަޒީ ބޭންކުން ލައިސަންސް ދީފި އެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) އުފައްދަން ލައިންސް ހަވާލުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ.
އެމްޕީބީގެ އޮފީސް ހުންނަނީ ބޮޑުތަކުރުފާނު މަގު ހ. ސަންލީތުގަ އެވެ. އެނގިފައިވާ ގޮތުގައި މި ބޭންކުން މާދަމާ ސޮފްޓް އޯޕެނިންގެ ގޮތުގައި ބައެއް ހިދުމަތްތައް ފަށާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން މި ބޭންކުގެ ހިއްސާދާރެއްގެ ގޮތުގައި ހުންނެވީ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ. އަދި ބޭންކުގެ ބޯޑުގައި އެމްޑީ ފިޔަވައި ތިއްބެވީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ދިވެހި މޫނު ތަކެވެ.
އެމްޕީބީއަށް ލައިސަންސް ދިނުމުގެ ގޮތުން އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ 2025 ވަނަ އަހަރު "ޓިއާ 1" ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން އެމްއެމްއޭ އިން ދޫކުރި ހުއްދައިގެ ދަށުން ކަނޑައެޅި ޝަރުތުތައް އެ ފަރާތުން ފުރިހަމަކުރުމާ ގުޅިގެން ދޫކުރި ލައިސަންސެކެވެ. މި ލައިސަންސް ދޫކޮށްފައިވަނީ ބޭންކްގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކާ ވެސް އެކުގަ އެވެ.
މަރުކަޒީ ބޭންކް އިން ބުނީ މޯލްޑިވްސް ޕްރިމިއަ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ރައްޔިތުންނަށް މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ރާއްޖޭގައި މިހާރު ޖުމްލަ އަށް ބޭންކަކުން ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އަމިއްލަ ބޭންކްތަކާއި ބޭރުގެ ބޭންކްތަކުގެ ބްރާންޗްތަކެވެ.