"ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" އެމްއެންޑީއެފް އިން ބުންޏެވ

ވ. އަތޮޅުގެ އަލިމަތާ ކައިރީގައި އޮންނަ ކަނޑުމިޔަރު ކޭވްއަށް ޑައިވްކުރި އިޓަލީ މީހުން ހޯދުމުގެ ހަށިގަނޑުތައް ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ ކޭވްއަށް ޑައިވްކުރި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރެއިން ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ވަނީ ހައި ރިސްކް ސާޗް އޮޕަރޭޝަނެއް ފަށައިފަ އެވެ.
ނަމަވެސް އެ އޮޕަރޭޝަނުގައި ޑައިވްކުރި، ސިފައިންގެ އޮފިސަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެން އޮޕަރޭޝަން އޮތީ މެދުކަނޑާލައިފަ އެވެ.
އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންނާ އެކު އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންނާއި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ. އެހަށިގަނޑުތައް ފެނުނީ އެމީހުން ޑައިވްކުރި ކޭވް ތެރެއިންނެވެ.
"ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" އެމްއެންޑީއެފް އިން ބުންޏެވެ.
އެހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ. އެހެންވެ، އެ ޑައިވަރުން ގޮވައިގެން ފީނަން ދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ކިޔާ ސަފާރީގެ ލައިސަންސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.