"އެޗްޕީއޭ އިން ދަނީ ބަލީގެ ހާލަތު މޮނީޓާ ކުރަމުން އަދި ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ،" އެޗްޕީއޭއިން ބުންޏެވެ.

ކޮންގޯ އާއި ޔުގެންޑާގައި އެބޯލާ ވައިރަސް ބާރު ދުވެލީގައި ފެތުރެމުން ދިޔަ ނަމަވެސް، އެ ބަލި ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި އެބޯލާ ފެތުރެން ފެށި ފަހުން، 246 މީހުން ޕޮޒިޓިވްވެފައިވާއިރު، 80 މީހަކު މަރުވެފައިވާ ކަމަށް އިއްޔެ ރިޕޯޓުތައް ބުނެފައިވެ އެވެ.
މި އައުޓްބްރޭކްއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއްޔެ ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އެ ހާލަތު މޮނީޓާކުރަމުންދާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތިން އެ ސަރަހައްދަށް ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
"އެޗްޕީއޭ އިން ދަނީ ބަލީގެ ހާލަތު މޮނީޓާ ކުރަމުން އަދި ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ،" އެޗްޕީއޭއިން ބުންޏެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ "ބަންޑިބުގްޔޯ" ވައިރަހުގެ ސަބަބުން ފެތުރޭ މި ބަލި މުޅި ދުނިޔޭގެ ފެންވަރުގައި ފެތުރޭ މިންގަނޑަށް އަދި ނުފެތުނުނަމަވެސް، ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް ބަލި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.
އަދި ރިކޯޑު ކުރެވިފައިވާ އަދަދަށްވުރެ ގިނައިން ބަލި ޖެހެމުންދާ ކަމުގެ ފުރުސަތު ބޮޑު ކަމަށާއި، އެގޮތުން ބަލި ޖެހުނު މީހުންގެ އަސްލު އަދަދާއި ބަލި ފެތުރިފައިވާ މިންވަރާ މެދު ވަރަށް ބޮޑަށް ޝައްކު އުފެދިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މި ބަލިމަޑުކަން ނުރައްކާތެރިވާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވަނީ، އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ވެކްސިނެއް ނުވަފަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވުމެވެ.
އެބޯލާގެ ސަބަބުން އިންސާނާގެ އެތެރެހަށްޓާއި ބޭރުފުށަށް ލޭފައިބާ ގޮތްވެ އެވެ. ހަށިގަނޑުގައި މިވައިރަސް ފެތުރި ގިނަވާ ވަރަކަށް ހަށިގަނޑުގެ ދިފާއީބާރު ބަލިކޮށްލަ އެވެ. އަދި ގުނަވަންތަކަށް ގެއްލުންތައް ދޭންފަށަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ބަލިޖެހޭ މީހުންގެ ސަތޭކައަކުން ނުވަދިހަ މީހުން މަރުވެ އެވެ.