ފަހުރުވެރި ތާރީހީ ވަގުތު ކޮޅެއް | ގައުމީ އެއާލައިން އެ ޖެއްސީ އޮސްޓޭލިއާއަށް

މި ދަތުރުތަކުގައި ބޭނުންކުރަނީ ގައުމީ އެއާލައިންގެ ބޮޑު ބޯޓެވެ. މި ދަތުރުތައް ނޮވެމްބަރު މަހާ ހަމައަށް މިވަގުތުވެސް އޮތީ ބޮޑުބައި ފުލްކޮށެވެ. އަދި ފުރަތަމަ ތިން ފްލައިޓް އަންނަނީ ފުލްކޮށްލައިގެންނެވެ.

މޯލްޑިވިއަންގެ ބޯޓެއް ޗައިނާ ޝިންޒެން އެއާޕޯޓުގައި : މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ގައުމީ އެއާލައިން ވަނީ އޮސްޓްރޭލިއާއަށް ޖައްސާފަ

ރާއްޖޭގެ އިރުމަތީ ބިތުގައި އޮތް އޮސްޓޭލިއާއަކީ މި ފަރާތުން ބަލާނަމަ އެންމެ ގާތް ގައުމެވެ. ޓޫރިޒަމްގައި ޒަމާނުއްސުރެން ވެސް އުންމީދީ މި މާކެޓުގައި އަތްލާން އެކަމަކު މިހާތަނަށް ދިވެހިން ނޫޅެ އެވެ. އައްޑޫއިން އޮސްޓޭލިއާ އަށް ދަތުރު ތަކެއް ފަށަން ދެއްވީ ހުސް ވާހަކަ އެވެ. ނަމަވެސް މި ފަހަރު މިވަނީ މި މާކެޓު ހޯދުމުގެ އުންމީދުގައި ހަގީގީ ކުލަ ޖެހިފަ އެވެ. މޫދު ކުޅިވަރާއި ޑައިވިންނަށް ޝައުގުވެރިކަން ހުންނަ ގިނަ ބަޔަކު ދިރިއުޅޭ އޮސްޓޭލިއާ ޓޫރިސްޓުންނާއި އެ ގައުމުގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ފަސޭހައިން ރާއްޖެ އާދެވޭނެ ދަތުރު ތަކެއް މިވަނީ ފެށިފަ އެވެ. ވިޒިޓް މޯލްޑިވްްސް އިން އޮސްރޭލިއާގައި އިސްތިހާރު ކުރާ ގޮތަށް އޮސްޓޭލިއާއަކީ ތިޔަހީކުރާ ވަރަށްވުރެ ރާއްޖެއާ މާ ގާތުގައި އޮތް ގައުމެވެ. މިއަދަކީ މި ގައުމަށް ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ޖެއްސި ތާރީހީ ދުވަހެވެ. 

ރާއްޖޭން ރޭ ފުރި މޯލްޑިވިއަންގެ މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ދަތުރުތަކާ ބެހޭ ގޮތުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ބައެއް ފަރާތްތަކުން ވެސް ވަނީ މިއީ ތާރީހީ ބަދަލެއްކަން ފާހަގަކޮށްފަ އެވެ.

ރާއްޖެ އަންނަ ބޭރުގެ ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން ކުރާ އިނަ މޯލްޑިވްސް ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަަހަރަށް ޖެއްސުމަކީ ތާރީހީ ކަމެކެވެ. އަދި މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ތާރީހުގައި މުޅިން އާ ސޮފުހާއެއް ހުޅުވިގެން ދިއުން ކަމަށް އޭނާ ދެކެވަޑައިގަންނަ އެވެ. 

އޮސްޓްރޭލިއާ ދަތުރުތައް އިސްތިހާރު ކުރަން ބޭއްވި އިވެންޓެއް

މި ދަތުރުތަކާ ބެހޭ ގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން، މޯލްޑިވިއަންގެ ސީނިއަ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަން، ހަަސަން ޝާރިހު ވިދާޅުވި ގޮތުގައި ސީދާ ދަތުރުތަކެއް ނެތި އޮސްޓްރޭލިއާ އިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 20 ޕަސެންޓް އިތުރު ވެފައިވާ ކަމަށާއި އެހެންކަމުން މި ދަތުރުތަކާއެކު ޓޫރިޒަމަށް އާ ދިރުމެއް އަންނާނެ އެވެ. 

"ރަނގަޅު ދިރާސާ ތަކެއް ކޮށްފަ ފެށީ، އެހެންވެ އުންމީދު ކުރަނީ އިތުރުވާނެ ކަމަށް، ޓޫރިސްޓުން އިތުރުވާ ވަރަކަށް ފްލައިޓްވެސް އިތުރު ކުރެވޭނެ،" ޝާރިހު ވިދާޅުވި އެވެ. 

ފައިނޭންޝަލް ކޮންޓްރޯލާ އަހުމަދު ރަމީޒް ވިދާޅުވީ ފުރަތަމަ ތިން ފްލައިޓުން ރާއްޖެއަށް 700 ޓޫރިސްޓުން އަންނާނެ ކަމަށާ މިއީ ގައުމީ އެއާލައިން އަށް ލިބިގެންދާނެ ފަހުރެކެވެ. 

"ހުރިހާ ފްލައިޓެއް ވަނީ ނޮވެމްބަރު މަހާ ހަމައަށް 50 ޕަސެންޓް ފުލްކޮށް. ފުރަތަމަ ތިން ފްލައިޓް މިއޮތީ 100 ޕަސެންޓް ފުލްކޮށް. ރާއްޖެ އަންނާނީ 264 ފަސިންޖަރުންނާއެކު ފުލްކޮށް، މިގޮތަށް މެއިންޓެއިންސް ކުރެވިއްޖެނަަމަ އަހަރު ނިމޭއިރު 11،000 ޓޫރިސްޓުން ރާއްޖެ އަންނާނެ،" ރަމީޒު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުތަކާއެކު މެދުއިރުމަތީގެ ހާދިސާއިން ޓޫރިޒަމަށް ކުރި އިފެކްޓް ކުޑަކުރަން ބާރަކަށްވާނެ އެވެ.

"އެއާޕޯޓް ޓެކުހާއި ގަވަމެންޓް ރެވެނިއުވެސް އިތުރުވާނެ. ވޯޓާ ސްޕޯޓްސް ފަދަ ކުޅިވަރުތަކަށް އަންނަ ޓޫރިސްޓުން އިތުރުވެ އިތުރު ބާރަކަށް ވާނެ،" ރަމީޒު ވިދާޅުވި އެވެ. 

އޮސްޓޭލިއާއަކީ ރާއްޖޭގެ ޓޫރިޒަމަށް ހާއްސަކޮށް "ހައި-އެންޑް" ނުވަތަ މުއްސަނދި ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ތެރެއިން ބޮޑު ފުރުސަތުތަކެއް އޮތް ގައުމެކެވެ. ހާއްސަކޮށް އޮސްޓޭލިއާ މީހުންނަކީ މޫދު ކުޅިވަރުތަކަށް، ހާއްސަކޮށް ރާޅާއެޅުމަށް ވަރަށް ލޯބިކުރާ ބަޔެކެވެ. ރާއްޖޭގެ މާލެ އަތޮޅާއި، މާލެ އަތޮޅުން ދެކުނުގެ އަތޮޅުތަކުގައި (ގާފު ދާލު، ތާ އަތޮޅު) ހުންނަ ސާފް ޕޮއިންޓްތަކަކީ އޮސްޓޭލިއާގެ ރާޅާއަޅާ މީހުންގެ މެދުގައި މަގުބޫލު ތަންތަނެވެ. މިއީ ސާފް-ޓޫރިޒަމް އިތުރަށް ފުޅާކުރަން ލިބޭ ބޮޑު ފުރުސަތެކެވެ.މި މާކެޓަކީ ތިމާވެއްޓަށް ހޭލުންތެރި، އަދި ހަމަޖެހޭ މާހައުލެއްގައި ލަގްޒަރީ ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވާ ފަތުރުވެރިން ގިނަ މާކެޓެކެވެ. ރާއްޖޭގެ ދެމެހެއްޓެނިވި ޓޫރިޒަމްގެ ސިޔާސަތުތައް އެމީހުންނަށް މާކެޓްކޮށްގެން ގިނަ ފަތުރުވެރިން ޝައުގުވެރި ކުރެވިދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.