ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކީއް؟

ސްވެނިއަ ޑިޒައިން ކުރުމާއި އާޓްވޯކް، މި ދެ ކެޓަގަރީން ވެސް 1، 2 އަދި 3 ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބިގެންދެ އެވެ.

ދާދި ފަހުން ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން މުބާރާތެއް އިއުލާންކުރިއެވެ. ޝްރެޑެޑް ނުވަތަ ކުނޑިކޮށްފައިވާ ފައިސާގެ ނޫޓުތައް ބޭނުންކޮށްގެން ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ ސުވެނިއަ ފަރުމާކުރުމަށާއި އަސާސީ މާއްދާއެއްގެ ގޮތުގައި ކުނޑިކޮށްފައިވާ ނޫޓު ބޭނުންކޮށްގެން އާޓްވޯކް އުފެއްދުމުގެ މުބާރާތެކެވެ. މި މުބާރާތްތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އެ އޮތޯރިޓީން އިއުލާންކުރުމާއެކު އެއަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ނޫޓު ހަލާކުކުރަނީތޯ ؟ ވީދައި ކުދިކުރުމަކީ މަނާކަމެއް ނޫން ތޯ ؟ މި ފަދަ ސުވާލު ތަކެއް ކުރެ އެވެ. 

އެހެންކަމުން، އާންމު ގޮތެއްގައި އެމްއެމްއޭއިން އެ އޮތޯރިޓީ އަށް ލިބޭ ބާވެ ހަލާކުވާ ނޫޓުތަކާމެދު އަމަލުކުރާ ގޮތަށް ބަލައިލާނަމެވެ. އޭގެ ކުރިން މުހިންމު ސުވާލެއްގެ ޖަވާބެވެ. އާއެކެވެ. ނޫޓު ވީދައި ޝްރެޑްކޮށް ކުނޑިކޮށް ކުދިކުދިކޮށް ނުވަތަ އެ ނޫން ވެސް ގޯނާއެއް ނޫޓުތަކަށް ކޮށްގެން ނުވާނެއެވެ. އެއީ ކުށެކެވެ. ދެން އޮތީ މި މުބާރާތުގައި ބޭނުންކުރާ ކުނޑިކޮށްފައިވާ ފައިސާއެވެ. އެ ކުނޑިތައް އުފެދިގެން އަންނަ ގޮތް ތަފްސީލުކޮށްދޭނަމެވެ.

ބާވެ ހަލާކުވެފައިވާ ނޫޓުގެ އެތައް ނޫޓެއް ކޮންމެ އަހަރަކު ވެސް އެމްއެމްއޭއަށް ލިބެއެވެ. ފާއިތުވި ދެ އަހަރަށް އެކަނި ބެލިޔަސް މި އަދަދު އެއް މިލިއަން ނޫޓަށް ވުރެ ގިނައެވެ. އެމްއެމްއޭގެ 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާ ގޮތުން، އެ އަހަރު 938،033 ނޫޓު ކުނޑި ކުރެވުނެވެ. މިއީ އާންމު ވިޔަފާރީގެ ބޭނުމުގައި ބޭނުންކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި ހުންނަ ނޫޓެވެ. ކުލަ ކެހިފައި ނުވަތަ ފަނޑުވުމެވެ.

ވީދައިގެން ދިއުމެވެ. ބައެއް ފަހަރު އަނދާފައި ވެސް ހުރެއެވެ. ޖީބަށް ލުމާއި ބޮޑިކޮށްގެން ގެންގުޅުމުގެ ސަބަބުން ބޮޑަށް ރޫޖެހި ހަލާކުވުމެވެ. އޭޓީއެމް ގަބޫލުނުކުރާ ވަރަށް ހަލާކުވެފައި ހުންނަ ނޫޓުތަކެވެ. މި ފަދަ އެތައް ނޫޓެއް ކޮންމެ ދުވަހަކު ވެސް އާންމުންނާއި ވިޔަފާރިވެރީން އަދި ބޭންކުތަކުން ވެސް އެމްއެމްއޭއަށް ގެނެއެވެ. މިއިން ކޮންމެ ނޫޓަކަށް ބަދަލުދިނުމަށް ފަހު އެ ހަލާކުވެފައި ހުންނަ ފައިސާތައް އެމްއެމްއޭގައި ހުންނަ ނޫޓުގެ ފެންވަރު ޗެކުކުރާ މެޝިނަކަށް ލެވެއެވެ. މި މެޝިނުން އެ ނޫޓުތައް ޗެކްކުރުމަށް ފަހު އަލުން އަނބުރާ ބާޒާރަށް ނެރޭވަރަށް ވުރެ ފެންވަރު ދަށް ކަމަށް ކަނޑައަޅައި ވަގުތުން ކުނޑިކުރެ އެވެ.

އެމްއެމްއޭ އިން އިއުލާންކޮށްފައިވާ މުބާރާތްތަކުގައި ސްވެނިއަރ އަދި އާޓްވޯކް އުފައްދާނީ މި ގޮތަށް ކުނޑިކުރެވޭ ފައިސާއިން އުފެދޭ ކުނޑީގައެވެ. އެއްގޮތަކަށް ވެސް އައު ނޫޓުތަކެއް ކުނޑިކޮށް ވީދައި ހަލާކުކޮށްގެންނެއް ނޫނެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށް ފުރަތަމަ ރަޖިސްޓަރީކުރަން ޖެހެއެވެ. އެއަށްފަހު ހުށަހަޅާފައިވާ ޕްރޮޕޯސަލާއި ކޮންސެޕްޓްތަކަށް ބަލައި ޝޯޓްލިސްޓްކުރެވިގެންދާނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކަށް ޕްރޮޓޯޓައިޕް ހެދުމަށާއި އާޓްވޯކް އުފެއްދުމަށް އެ އޮންނަ އުސޫލެއްގެ ތެރެއިން ފައިސާ ނޫޓުގެ ކުނޑި ހަވާލުކުރެވޭނެއެވެ.

ސްވެނިއަ ޑިޒައިން ކުރުމާއި އާޓްވޯކް، މި ދެ ކެޓަގަރީން ވެސް 1، 2 އަދި 3 ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބިގެންދެ އެވެ. މި މުބާރާތްތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި މިހާރު ވަނީ 31 މޭ 2026ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.