ކުރީގެ ތިން ރައީސުން އުފެއްދެވި ކޮމިޓީއަށް މެންބަރުން އައްޔަނު ކޮށްފި

ގައުމީ މުހިންމު މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތިން ރައީސުން އުފެއްދެވި ކޮމެޓީއަށް ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މެންބަރުން ވަނީ އައްޔަނުކުރައްވާފަ އެވެ.

ކުރީގެ ތިން ރައީސުން އުފެއްދެވި ކޮމެޓީގައި ހިމެނޭ މެންބަރުން -- ފޮޓޯ: ސަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް "ފާޅުގައި އަރައިގަނެފައިވާ" ކަމަށް ވިދާޅުވެ، އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމެޓީއަށް މިއަދު މެންބަރުން އައްޔަނު ކޮށްފި އެވެ.

ސިޔާސީ ގޮތުން ހުރި ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރައްވައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުން ބައްދަލުކުރައްވައި، އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

ގައުމީ މުހިންމު މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތިން ރައީސުން އުފެއްދެވި ކޮމެޓީއަށް ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މެންބަރުން ވަނީ އައްޔަނުކުރައްވާފަ އެވެ.

އެގޮތުން ޔާމީންގެ ފަރާތްޕުޅުން ކޮމެޓީއަށް އައްޔަނު ކުރެއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި އިސްމާއީލް ޒަރިޔަންދެވެ.

ނަޝީދުގެ ފަރާތްޕުޅުން ކޮމެޓީއަށް އައްޔަނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އަދި އިބޫގެ ފަރާތްޕުޅުން އައްޔަނު ކުރައްވާފައި ވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.

ތިން ރައީސުން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ނަގާލައި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިން ކަމަށް ހުރަސް އެޅުމާއި ނޫސްވެރިން ޖަލަށްލަމުންދާ ކަމަށެވެ.

"އެތައް ޒަމާނެއް ވަންދެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖޭން ފޮހެވިގެން ދިއުމާއެކު ގައުމު ހަމަ މަގަށް އެޅުމަށް އަޅުގަނޑުމެން ތިން މީހުން ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައި،" ތިން ރައީސުން ނެރުއްވި ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.