ރާއްޖެ އައި ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ކޭވް ޑައިވިންއަށް ހާއްސަ މާހިރެއް ވެސް ހިމެނެ އެވެ.

ވ. އަތޮޅުގެ އަލިމަތާ ކައިރީގައި އޮންނަ ކަނޑުމިޔަރު ކޭވްއަށް ޑައިވްކުރި އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ފުންމިނުގައި ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ހުންނާނެ ކަމަށް ބެލެވޭ ކޭވްއަށް ޑައިވްކުރި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރެއިން ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ވަނީ ހައި ރިސްކް ސާޗް އޮޕަރޭޝަނެއް ފަށައިފަ އެވެ.
ނަމަވެސް އެ އޮޕަރޭޝަނުގައި ޑައިވްކުރި، ސިފައިންގެ އޮފިސަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ އިއްޔެ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން އޮތީ މެދުކަނޑާލައިފަ އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޭވް ޑައިވިންއަށް ހާއްސަ މާހިރެއް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމީހުން އޮޕަރޭޝަން ކުރިއަށް ގެންދާނީ ކޯސްޓްގާޑާ ގުޅިގެންނެވެ.
އެހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ. އެހެންވެ، އެ ޑައިވަރުން ގޮވައިގެން ފީނަން ދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ކިޔާ ސަފާރީގެ ލައިސަންސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.