މި ބަލިމަޑުކަން ނުރައްކާތެރިވާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވަނީ، އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ވެކްސިނެއް ނުވަފަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވުމެވެ.

ކޮންގޯ އާއި ޔުގެންޑާގައި އެބޯލާ ވައިރަސް ފެތުރެމުންދާތީ އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި އެބޯލާ ފެތުރެން ފެށި ފަހުން، 246 މީހުން ޕޮޒިޓިވްވެފައިވާއިރު، 80 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ "ބަންޑިބުގްޔޯ" ވައިރަހުގެ ސަބަބުން ފެތުރޭ މި ބަލި މުޅި ދުނިޔޭގެ ފެންވަރުގައި ފެތުރޭ މިންގަނޑަށް އަދި ނުފެތުނުނަމަވެސް، ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް ބަލި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ރިކޯޑު ކުރެވިފައިވާ އަދަދަށްވުރެ ގިނައިން ބަލި ޖެހެމުންދާ ކަމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ އަސްލު އަދަދާއި ބަލި ފެތުރިފައިވާ މިންވަރާ މެދު ވަރަށް ބޮޑަށް ޝައްކު އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ބަލިމަޑުކަން ނުރައްކާތެރިވާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވަނީ، އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ވެކްސިނެއް ނުވަފަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވުމެވެ.
އެހެންކަމުން ބަލި ޖެހިފައިވާ މީހުންނާއި، ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ދަތުރުފަތުރު ނުކުރުމަށާއި، ކޮންޓެކްޓުން 21 ދުވަހުގެ މުއްދަތަކަށް މޮނީޓާ ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ލަފާދީފަ އެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުން ވަގުތުން އެކަހެރި ކުރުމަށްވެސް ލަފާދީފައިވެ އެވެ.
އެބޯލާގެ ސަބަބުން އިންސާނާގެ އެތެރެހަށްޓާއި ބޭރުފުށަށް ލޭފައިބާ ގޮތްވެ އެވެ. ހަށިގަނޑުގައި މިވައިރަސް ފެތުރި ގިނަވާ ވަރަކަށް ހަށިގަނޑުގެ ދިފާއީބާރު ބަލިކޮށްލަ އެވެ. އަދި ގުނަވަންތަކަށް ގެއްލުންތައް ދޭންފަށަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ބަލިޖެހޭ މީހުންގެ ސަތޭކައަކުން ނުވަދިހަ މީހުން މަރުވެ އެވެ.