އެސްޓީއޯގެ ސާފު ފައިދާ އިތުރު ކުރަން ނިންމާފައިވަނީ ތެލުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމާއެކު ބިންތަކުންނެވެ.

އެސްޓީއޯ އިން މިހާތަނަށް ކުރަމުން ދިޔަ ބޭހުގެ ވިޔަފާރީގެ ބޮޑުބައެއް އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯ އިން ދޫކޮށްލާނެ އެވެ. މިއާއެކު އެ ކުންފުނީގެ އާމްދަނީއިން ބައެއް ގެއްލުނުނަމަވެސް މިއާއެކު ގެންނަ ހެޔޮ ބަދަލުތަކާއެކު 2030 ގައި ސާފު ފައިދާ އެއް ބިލިއަން ރުފިޔާ އަށް މަތިވާނެ ކަމަށް އަންދާޒާކޮށްފި އެވެ.
ރާއްޖެ އަށް ތެލާއި ގޭސް އެތެރެކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ވަނީ 756 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އެ ކުންފުނިން ވަނީ ގެންނަ ބަދަލުތަކާއެކު ސާފު ފައިދާ 2030 ގައި އެއް ބިލިއަން ރުފިޔާއަށް މަތި ކުރަން ޓާގެޓު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އޭޖީއެމްގައި ވާހަކަ ދައްކަވަމުން ޝިމާދު އިބްރާހިމް ވިދާޅުވީ ހިއްސާދާރުންގެ ހިޔާލު ލިބިގެން ތައްޔާރު ކުރި ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތްވާ ގޮތުގެ މައިން "އިވޯލް" ތީމުގެ ދަށުން ބަލަނީ މިހާރުހުރި ވިޔަފާރިތައް ކުރިއަރާނެ ގޮތެއް ބެލުމެވެ.
ޝިމާދު ވިދާޅުވީ މި ލަނޑުދަނޑި އަށް ހާސިލް ކުރަން ރާއްޖެ އަށް އެތެރެކުރާ މުދަލުން ބޮޑު ފައިދާއެއް ނެގުމުގެ ބަދަލުގައި 15 ޕަސެންޓުގެ މާޗިންއެއްގައި ބަހައްޓާނެ އެވެ.
"ވިޔަފާރީގައި މާޖިން އިތުރުކޮށްގެން ވިޔަފާރި ކުރުމުގެ ބަދަލުގައި ވޮލިއުމް ބޭސް އިތުރު ކޮށްގެން ވިޔަފާރި ކުރުމަކީ ލަނޑުދަނޑިއެއް،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ލަނޑުދަނޑި ހާސިލް ކުރަން ތެލުގެ ވިޔަފާރި ވަރުގަދަކޮށް، ފޮނަދޫގައި ތެޔޮ ރައްކާ ކުރާނެ އިތުރު ތާންގީ ތަކެއް ރާއްޖެ ގެނެސް ބަހައްޓާނެ އެވެ. އަދި ރައީސްގެ ރިޔާސީ ވައުދާއެއްގޮތަށް މުޅިރާއްޖެއިން އެސްޓީއޯ ތެޔޮ ލިބޭނެ އިންތިޒާމު ދަނީ ހަމަޖައްސަމުންނެވެ. މީގެ އިތުރުން ރާއްޖެއަށް ތެޔޮ ގެންނަ "ނިއޯން" ޓޭންކަރު ގެނައުން ހިމެނެ އެވެ.
"މި ޓޭންކަރުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށ ތެޔޮ ގެންނަން ބޮޑު ފަސޭހައަކަށް. ޓޫރިޒަމް ހައި ސީޒަންގައި ސްޕޮޓް ޗާޓަރު ނަގަމުން އަންނަން ޖެހޭ. ނަމަވެސް މި އިންވެސްޓްމަންޓާއެކު ހަރަދު ދަށްވެގެންދާނެ. އަދި މި ޓޭންކަރުގެ ސަބަބުން ހަރަދު ކުޑަ ވެގެންދާނެ. އަދި ލޮޖިސްޓިން ވަރުގަދަ ކުރަން އިތުރު ބާޖުތަކާއި މަދަ ވެސަލްތައް މިދަނީ ހޯދަމުން،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަންކަރިންއަކީ ވެސް ކުންފުނިން ފެށި ބަންކަރިންގެ ސަަަބަބުން ރާއްޖެއަށް ތެލުގެ އާ ބާވަތެއް އެތެރެކުރަން ފުރުސަތު ލިބުމުގެ އިތުރަށް އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
"ހިއްސާދާރުންގެ ފަރާތުން އައި ހިޔާލެއްގެ ގޮތުން އެސްޓީއޯގެ ބިންތައް ތަރައްގީ ކުރާ ގޮތުގެ ތާވަލެއް ވަނީ ހެދިފަ. އެގޮތުން އަމިއްލަ ބިންތައް ހެދުމުގެ ބަދަލުގައި ރިއަލްއެސްޓޭޓް އުސޫލުން ކުރުމަށް،" ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯ އިން ވަނީ އެ ކުންފުންޏަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެމުންދިޔަ ބޭހުގެ ވިޔަފާރި ސަރުކާރު ބޭސް ކުންފުނި ސްޓޭޓްފާމާ އަށް ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފަ އެވެ. މި ބަދަލާއެކު އެ ކުންފުނީގައި ހުރި ބޭސް ފިހާރަތައް ވެސް ސްޓޭޓްފާމާގެ ދަށަށް ގޮސް ކުންފުނީގެ ހަރަދުތައް ކުޑަ ވެެގެންދާނެކަން އެމްޑީ ޝިމާދު ފާހަގަ ކުރެއްވި އެވެ.
ޝިމާދު ވިދާޅުވީ ބޭހުގައި އެސްޓީއޯ އިން ކޮންޓްރޯލް އޮތީ 25 ޕަސެންޓް ކަމަށާ، ނަމަވެސް މިއީ ދަތިކަމެއް ކަމަށާ އެހެންކަމުން މި ބަދަލާއެކު ކުންފުންޏަށް ފައިދާވާނެ އެވެ. އަދި ބޭސް ފިހާރަ ހިންގަން 750 މުވައްޒަފުން ތިބިއިރު މި ހުރިހާ މުވައްޒަފުންވެސް ސްޓޭޓް ފާމާއަށް ބަދަލު ވެގެންދާނެ އެވެ.
"މިދިޔަ 40 އަހަރު ތެރޭގައި ބޭސް އެތެރެކުރި. ހަގީގަތުގައި ބޭހުގެ ކޮންޓްރޯލެއް އެސްޓީއޯއަކަށް ނޯވެ، އެޕްރޫވް ޑްރަގް ލިސްޓުގައި 5،000 ބޭސް ހުރޭ. ނަމަވެސް އެސްޓީއޯގެ ކޮންޓްރޯލްއަކީ އެންމެ 25 ޕަސެންޓް. އެހެންވެ މިއީ ރައްޔިތުން ބޭނުންވާ ހުރިހާ ބޭސް ފޯރުކޮށްދޭން އަންނަ ޗެލެންޖެއް،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން އަންނަ ބަދަލާއެކު އެ ކުންފުނިން ހަރަކާތްތެރިވާނީ ހޯލްސޭލް ކުރުމާއި އެ ކުންފުންޏަށް ހާއްސަ ބްރޭންޑްތައް ފޯރުކޮށް ދިނުމުގަ އެވެ.
"މިބައިގެ އާމްދަނީ އިން 50 ޕަސެންޓް އުނިވާނެ. ނަމަވެސް އިންވެންޓްރީއަށް އަންނަ ބަދަލާއި ޕްރޮވިޝަންއިން އެބައި ފޫބެދޭނެ. މީގެ ސަބަބުން ރެވެނިއު ދަށްވިޔަސް އޮޕަރޭޓިން ޕްރޮފިޓް އާއި ކޭޝް ފްރޯއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ޝިމާދު ވިދާޅުވި އެވެ.