އެސްޓީއޯ ހިއްސާދާރުންނަށް 85ރ ބަހައި، ގެއަށް ދިއުމުގެ ކުރިން ޖަމާކޮށްފި

އެސްޓީއޯ އިން 2001 ގައި ހިއްސާ ވިއްކީ 300ރ، އަށެވެ. ނަމަވެސް މިހާރު ބާޒާރުގައި ހިއްސާއެއް ހުރީ 1،800ރ. އަށް އުފުލިފަ އެވެ. މިހާރު ނެޓް އެސެޓްޕާ ޝެއާ ހުރީ 4,991ރ. ގަ އެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި އެމްޑީ ޝިމާދު -- އެސްޓީއޯ

އެސްޓީއޯ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ޖެހުނު 85ރ ބަހައި، އަހަރީ އާއްމު ޖަލްސާ ނިމުމުގެ ކުރިން ހިއްސާދާރުންގެ އެކައުންޓަށް ފައިސާ ފައިދާ ޖަމާކޮށްފި އެވެ.

ދުސިޓް ޑީޓޫ ރިސޯޓުގައި ރޭ ބޭއްވި އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ވަނީ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހަން ބޯޑުން ފާސްކުރި 85ރ. ހިއްސާދާރުންގެ ވޯޓުން ފާސްކޮށްފަ އެވެ. އަދި މި އަހަރު ވެސް ވަނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް ޖަލްސާ ނިމި ގެއަށް ދިއުމުގެ ކުރިން ހިއްސާދާރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް ހަލާސްކޮށްފަ އެވެ. މި ފައިދާއަކީ މިދިޔަ 10 އަހަރު ތެރޭގައ ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އެންމެ ބޮޑު އަދަދެވެ. 

އެސްޓީއޯގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން ދެއްވި އޭޖީއެމްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި ހިއްސާދާރުންގެ ރައުސުލްމާލު 4.5 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. އަދި މިއާއެކު އެ ކުންފުނީގެ ދެމެހެއްޓެނިވި ގޮތުން ކުރަމުން ގެންދާ ވިޔަފާރިން ހިއްސާދާރުންގެ ރިޓާން އޮފް އިކުއިޓީ މިވަނީ 14 ޕަސެންޓުގައި ހިފެހެއްޓިފައިވާކަން ފާހަގަ ކުރެއްވި އެވެ. 

"އަޅުގަނޑުމެން އެންމެ ފުރަތަމަ ހިއްސާ ވިއްކާފައިވަނީ ހިއްސާއެއް 300ރ. ގެ މަގުން. ނަމަވެސް 2001 ގައި ހިއްސާ ވިއްކިފަހުން މިވަނީ ކޮންމެ އަހަރަކު ވެސް ހިއްސާގެ ފައިދާ ބަހަމުން. އެެހެންވެ އެސްޓީއޯގެ ހިއްސާ އަށް އަޅުގަނޑުމެން މި ކުރި އިންވެސްޓްމަންޓް ވަނީ ޑިވިޑެންޓުން އެކަނި ވެސް މިވަނީ 5 ނޫނީ 6 އަހަރުން ރިކަކާވެފަ. އޭގެ ފަހުން ހިއްސާދާރުންނަށް ލިބުނީ ސާފު ފައިދާ،" ޝިމާދު ވިދާޅުވި އެވެ. 

އެސްޓީއޯގެ އޭޖީއެމްގައި އާއްމު ހިއްސާދާރުން -- އެސްޓީއޯ

އޭނާ ވިދާޅުވީ ކުރިން 300ރ. ގެ މަގުން ހިއްސާ ގަތް ފަރާތްތަކަށް ކެޕިޓަލް ގެއިންގެ ގޮތުގައި 500ރ، ގެ އިތުރުވުމެއް ވަނީ ލިބިފަ އެވެ. އަދި އެ ދުވަހު ހިއްސާ ނުގަތްނަމަ އެ ފަރާތުގެ އަތުގަ ފޮރުވާފައި ހުރި ފައިސާގެ އަގު މިއަދު މި ވަރަށް އަގުމަތި ނުވާނެކަން ޝިމާދު ފާހަގަ ކުރެއްވި އެވެ. 

"މީގެ މާނައަކީ އޭރު 100،000ރ. ގެ ހިއްސާ ގަތް މީހުންނަށް މިވަނީ ހަމައެކަނި ކެޕިޓާލް ގެއިންގެ ގޮތުގައި ވެސް މިވަނީ 500،000ރ،. ގެ ކުރިއެރުމެއް ލިބިފައޭ. މީގެ އިތުރުން މީގައި އެބައޮތް ވަރަށް ބޮޑު ހިޑިން ފެކްޓާއެއް ވެސް. އަޅުގަނޑުމެން އެންމެންނަށް ވަރަށް ބޮޑު އާމްދަނީއެއް ނުވަތަ ސޭވިންއެއް މިއީ،" ޝިމާދު ވިދާޅުވި އެވެ. 

އެސްޓީއޯ ގްރޫޕުގެ މާލީ އުސް އަލިތައް

  •  ޖުމްލަ އެސެޓް - މިދިޔަ އަހަރު 16,6 ބިލިއަން | ކުރި އަހަރު 16,7 ބިލިއަން
  •  ޖުމްލަ އާމްދަނީ - މިދިޔަ އަހަރު 1,176 ބިލިއަން | ކުރީ އަހަރު 1,188 ބިލިއަން
  •  ސާފު ފައިދާ - މިދިޔަ އަހަރު 785 މިލިއަން | ކުރީ އަހަރު 772 މިލިއަން ރުފިޔާ

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުރީ އަހަރު 772 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެސްޓީއޯއަށް އެންމެ ބޮޑަށް އާމްދަނީ އަބަދު ވެސް ލިބެނީ ތެލުންނެވެ. ތެލާއި ހަކަތައަކީ އެސްޓީއޯ ވިޔަފާރީގެ 70 ޕަސެންޓް ހިއްސާ ކުރާ ދާއިރާ އެވެ. ނަމަވެސް، ތެލުގެ އަގަށް އައި ބަދަލުތަކާއެކު މިދިޔަ އަހަރާ އަޅާކިޔާއިރު އާމްދަނީ ވަނީ %3 ދަށްވެފަ އެވެ މިދިޔަ އަހަރު ތެލުން 12,107 ބިލިއަން ރުފިޔާ ލިބުނުއިރު ކުރި އަހަރު ލިބުނީ 11,688 ބިލިއަން ރުފިޔާ އެވެ. 

އޭޖީއެމްގައި ޝިމާދު ވިދާޅުވީ އެސްޓީއޯއަކީ ވިޔަފާރި ކުންފުންޏަކަށްވުމާއެކު މިދިޔަ 60 އަހަރު ދެމެހެއްޓެނިވި ގޮތަށް ވިޔަފާރިކުރުމުގެ ނަތީޖާއަކީ އާމްދަނީ އާއި މަންފާ އެއް ފެންވަރެއްގައި ހިފެހެއްޓުމެވެ.

"އެހެންވެ، މި އިންވެސްޓްމަންޓްތައް މިހުރީ އިންފްލޭޝަނަށް އެޖެސްޓްވެ އިންފްލޭޝަނުން ރައްކާތެރިވެފަ. މާނައަކީ ތަކެތީގެ އަގު ބޮޑު ވިޔަސް އިންވެސްޓްމަންޓުގެ ވެލިއު ދަށްވެގެން ނުދެއޭ" ޝިމާދު ވިދާޅުވި އެެވެ. 

ގްރޫޕް މައިގަނޑު ވިޔަފާރީގެ އާމްދަނީ

  •  ތެލުގެ އާމްދަނީ - 11 ބިލިއަން
  •  ޓްރޭޑިން - 3,3 ބިލއަން
  •  އިންޝުއަރެންސް - 875 މިލިއަން
  •  ޝިޕިން - 409 މިލިއަން
  •  ގޭސް - 291 މިލިއަން

ޝިމާދު ވަނީ އެސްޓީއޯގެ ހިއްސާގަތް ފަރާތްތަކަށް ލިބޭ ތިން މަންފާއެއްވެސް ވިދާޅުވެފަ އެވެ. އެގޮތުން ޑިވިޑެންޓް ލިބުމުގެ އިތުރުން ކެޕިޓަލް ގްރޯތު މައްޗަށް ދިއުމާއި އިންފްލޭޝަނުން ހިމާޔަތް ކުރެވިފައިވުން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ ހިއްސާދާރުން ކުރި އިންވެސްޓްމަންޓަކީ ކާމިޔާބު އިންވެސްޓްމަންޓެއްކަން ޝިމާދު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ނެޓް އެސެޓްޕާ ޝެއާ މިހާރު މި އުޅެނީ 4,991ރ. ގާތްގަނޑަކަށް 5،000ރ. ގާތްކުރާ މިންވަރެއްގަ. މާކެޓުގަ ވިއްކަނީ ހިއްސާއެއް 1800ރ. އަށް. އެކްޓިވް ރަނގަޅު މާކެޓެއްގައިނަމަ އެސްޓީއޯގެ ހިއްސާ މިހާރު އުޅޭނީ 5،000ރ. އާ ގާތްކުރާ މިންވަރެއްގައި،" ޝިމާދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.